ހަޖަމުކުރުމަށް ފަސޭހަ ބައެއް ކާނާ!

ކިޔުމަށް ހޭދަވާނީ 3މ 22ސ
ހަޖަމުކުރުމަށް ފަސޭހަ ބައެއް ކާނާ!

އުންމު ނަވާރު

 

އަޅުގަނޑުމެން ތެރެއިން ބައެއް މީހުންނަށް ކުރިމަތިވެފައިވާ ޞިއްހީ ހާލަތްތަކުގެ ސަބަބުން ބައެއް ކަހަލަ ކާނާ ހަޖަމުކުރުމަށް ދަތިވެއެވެ. ބައެއް ކަހަލަ ތަރުކާރީއާއި ވޭވާއަކީ ފައިބަރ މަދުން އެކުލެވޭ ހަޖަމުކުރުމަށް ފަސޭހަ އެއްޗެއްސެވެ. މީގެ ސަބަބުން ހަޖަމުކުރަން އުނދަގޫވެގެން ކުރިމަތިވާ އުނދަގޫތަކަށް ލުޔެއް ލިބިގެންދެއެވެ.

ހަޖަމުކުރަން ފަސޭހައީ ކޮންކަހަލަ ކާނާއެއް؟

ހަޖަމުކުރަން ފަސޭހަ ކާނާއަކީ މަދުން ފައިބަރ އެކުލެވޭ ކާނާއެވެ. ފައިބަރއަކީ އޭގެ ޒާތުގައި ހަށިގަނޑަށް ފައިދާ ލިއްބައިދޭ މާއްދާއެއެއް ނަމަވެސް ފައިބަރ ގިނައިން އެލުލެވޭ ކާނާ ކެއުމުން ހަށިގަނޑުން މި މާއްދާތައް އެއްކޮށް ހަޖަމުނުކޮށްދެއެވެ. އެހެންކަމުން ހަޖަމުނުވާ ފައިބަރ އަހަރަމެންގެ ބޮޑު ގޮހުރުގެ ތެރެއަށްދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އަހަރަމެންނަށް ތަފާތު އެކި އުނދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. އޭގެ ތެރޭގައި ވައިގެ އުނދަގުލާއި ބުލޯޓިން ( ބަނޑުގެ މަސްތަކަށް ވާންވެ ބަނޑު ފުރުފައިވާ އިހްސާސްއެއްވުން) ހިމެނެއެވެ.

ހަޖަމުކުރަން ފަސޭހަ ކާނާ ކެއުމުން ގިނަ ޞިއްހީ ހާލަތްތަކަށް އެހީތެރިވެދެއެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ޞިއްހީ މައްސަލަތަކުގެ ތެރޭގައި:

ބަނޑު ދިޔާވެ މާގިނައިން ފާހާނާއަށް ދެވުން

ގެސްޓްރޯއެސޯފެޖިއަލް ރިފްލަކްސް ޑިޒީޒް ( މަތިން އަރާ ބަލި )

ގޭސްޓްރޯއެންޓްރައިޓިސް ( ވައިގެ މައްސަލަ )

އިންފްލެމޭޓަރީ ބައުލް ޑިޒީޒް

ހަޖަމުކުރުމަށް ފަސޭހަ ބައެއް ކާނާ

ކައްކާފައިވާ ތަރުކާރީ

ރޯކޮށް ހުންނަ ތަރުކާރީގައި ގިނަ އަދަދަކަށް ފައިބަރ އެކުލެވެއެވެ. ތަރުކާރީ ކެއުމުގެ ކުރިން ރަނގަޅަށް ކައްކާލާށެވެ. އޭރުން ތަރުކާރީގައި އެކުލެވޭ ފައިބަރ މިންވަރު ދަންކޮށްލައިދޭނެއެވެ. މީގެ ސަބަބުން ހަޖަމުކުރުމަށް ފަސޭހަވެގެންދާނެއެވެ. ތަރުކާރީން ހަށިގަނޑަށް ލިއްބައިދޭ މިނެރަލްސްތަކާއި ވިޓަމިންސްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހަށިގަނޑަށް ނެގުމަށްޓަކައި ތަރުކާރީ ފެނު ކެއްކުމުގެ ބަދަލުގައި ސްޓީމްކޮށްލާށެވެ. ( އާވިން ކައްކާލާށެވެ. )

ކައްކާ ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން ކެއުމުގައި ހިމަނާލުމަށް ރަނގަޅު ބައެއް ތަރުކާރީތަކުގެ ތެރޭގައި ސްޕިނެޗް، ބަރަބޯ ، ކެރެޓް އަދި ގްރީން ބީންސް ( ފެހި އޮތް ) ފަދަ ތަރުކާރީ ހިމެނެއެވެ.  

މޭވާ އަދި ކައްކަފައިވާ މޭވާ

ތަރުކާރީއެކޭ އެއްފަދައިން ރޯކޮށް ހުންނަ މޭވާގައިވެސް ގިނަ އަދަދަކަށް ފައިބަރ އެކުލެވެއެވެ. ކެއުމުގެ ކުރިން މޭވާ ކައްކާލުމުން ފައިބަރ އެކެލެވޭ މިންވަރު ދަށްކޮށްލައިދޭނެއެވެ. ނަމަވެސް މިހެން ކަންތައް ކުރުމުން މޭވާގައި އެކެލެވޭ ގިނަ އަދަދެއްގެ މިނެރަލްސްއާއި ވިޓަމިންސް ގެއްލިގެންދާނެއެވެ. މޭވާ ކެއުމުގެ ކުރިން މޭވާގެ ތޮށި މަށައި އަދި އޮތް ނަގާލުމުންވެސް މެވާގައި އެކުލެވޭ ފައިބަރގެ މިންވަރު ދަށްކޮށްލައިދޭނެއެވެ. ހަޖަމުކުރަން ފަސޭހަ މޭވާގެ ތެރޭގައި ރަނގަޅަށް ދޮންވެފައިވާ ދޮންކެޔޮ އަދި ކަރާ ހިމެނެއެވެ.

މަހުގެ ބާވާތްތަކާއި ޕްރޮޓީން

ކުކުޅު އަދި މަސް ފަދަ ލީން ޕްރޮޓީންގެ މައިގަނޑު ބާވަތްތަކަކީ ހަޖަމުކުރަން ފަސޭހަ ބާވަތްތަކެކެވެ. އަދި މަސް ތައްޔާރުރުކުރާ ގޮތުން ބައެއް ފަހަރު މަސް ހަޖަމުކުރަން ފަސޭހަވެފައި ބައެއް ފަހަރު ހަޖަމުކުރަން އުނދަގޫވެސްވެއެވެ. މަސް ތެލުލުމުން ހަޖަމުކުރަން އުނދަގޫވެދާނެއެވެ. އޭގެ ބަދަލުގައި މަސް ގްރިލްކޮށްލާށެވެ. ނުވަތަ މަސް ފިހެލައިގެންވެސް ކެއުމުގައި ހިމަނާލެވިދާނެއެވެ.

ކިރުގެ ބާވަތްތައް

ކިރުގެ ބާވަތްތަކަކީ ހަޖަމުކުރަން ފަސޭހަ ބާވަތްތަކެކެވެ. ލެކްޓޯޒް އިންޓޮލަރެންޓް މީހެއްނަމަ ކިރުގެ ބާވަތްތައް ހަޖަމުވުމަށް އުނދަގޫވެދާނެއެވެ. ލެކްޓޯޒް އިންޓޮލަރެންޓް މީހެއްނަމަ. ކިރުގެ ބާވަތްތައް ބޭނުންކުރާއިރު ލެކްޓޯޒް ނުހުންނަ ނުވަތަ ލެކްޓޯޒް މަދުން އެކުލެވޭ ކިރުގެ ބާވަތްތައް ބޭނުންކުރުން އެދެވިގެންވެއެވެ. އަދި ފުލް ކްރީމްގެ ބަދަލުގައި ލޯ ފެޓް ކިރު ބޭނުން ކުރެވިދާނެއެވެ.

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ޞިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ.

 

ލިޔުނީ: އުންމު ނަވާރު 

މައޫލޫމާތު ނެގީ: 

www.healthline.com

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިއަދު އޮންލައިން