އިސްލާމީ މަރުކަޒުގެ ނަމާދުކުރަން ބޭނުންކުރާ އެއްވެސް ބައެއް އަންނަ ޚުކުރު ދުވަހު ބަންދުނުވާނެ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 52ސ
އިސްލާމީ މަރުކަޒުގެ ނަމާދުކުރަން ބޭނުންކުރާ އެއްވެސް ބައެއް އަންނަ ޚުކުރު ދުވަހު ބަންދުނުވާނެ!

އިސްލާމީ މަރުކަޒުގެ ނަމާދުކުރަން ބޭނުންކުރާ އެއްވެސް ބައެއް އަންނަ ޚުކުރު ދުވަހު ބަންދުނުވާނެ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

ފިރުޒުލް މިހެންވިދާޅުވިއިރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު މަގާމުގެ ހުވާ ކުރައްވަން ހަމަޖެހިފައި ވަނީ މި މަހުގެ 17 ވާ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައެވެ. ރަސްމިއްޔާތު އޮންނާނީ އެ ދުވަހު ހަވީރު 4:45 ގައެވެ.

އިންތިހާބީ ރައީސް ހުވާކުރައްވާ ދުވަހު އަސުރު ނަމާދާއި މަޣްރިބު ނަމާދަށް އިސްލާމީ މަރުކަޒަށް ދާ މީހުން އެ މިނިސްކިތުގެ ދެކުނު ފަރާތް ބޭނުންކުރަން އެދޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެެވެ. މިސްކިތަށް ވަންނަން މެދުޒިޔާރަތްމަގު، ކުރީގެ ދިރާގުގެ މައި އޮފީސް ހުރި ފަޅި އާއި އިރުމަތީ ފަރާތުން ނޭޝަނަލް އާޓް ގެލެރީ ހުންނަ ފަޅި ބޭނުންކުރަން މިނިސްޓްރީން ވަނީ އެދިފައެވެ.

މިކަމާއި ގުޅޭގޮތުން އާންމުން ފާޑުކިޔަމުން އަންނައިރު، މީޑިއާތަކަށް ފިނުއްވި މެސެޖެއްގައި ފިރުޒުލް ވިދާޅުވީ، ޖުމްހޫރީ މައިދާނުގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅުވައި، އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް ބަންދުކުރުމަކީ ރަނގަޅު ކަމެއްކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިނުގަންނަވާކަން، އިސްލާމިކް މިނިސްޓްރީއަށް އަންގަވާފައިވާކަމަށެވެ.

އަދި، ސަލާމަތީ ސަބަބުތަކަށްޓަކައި، ހުކުރު ދުވަހުގެ ޢަޞުރު ނަމާދު ވަގުތާއި މަޣްރިބް ނަމާދު ވަގުތު، އިސްލާމީ މަރުކަޒަށް ވަދެ ނުކުތުމަށް ވަކި ޚާއްސަ ފަރާތެއް ނުވަތަ ދޮރޯށްޓެއް ހަމަޖެއްސެވި ނަމަވެސް، ނަމާދުކުރުމަށް މިސްކިތުގައި ޢާއްމު އުޞޫލުން ބޭނުންކުރާ އެއްވެސް ބައެއް، އެއްވެސް ނަމާދު ވަގުތެއްގައި ބަންދުނުވާނެ ފަދަޔަކުން އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށްވެސް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާކަމަށް ފިރުޒުލް ވަނީ މައުލޫމާތުދެއްވާފައެވެ.

ހުކުރު ދުވަހުގެ ޢަޞްރު ނަމާދާއި މަޣްރިބް ނަމާދު ވަގުތުގައިވެސް އަދި އެއްވެސް ނަމާދު ވަގުތެއްގައި މިސްކިތުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް، ބަންދުނުވާނެކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދޭކަމަށް ފިރުޒުލް ވިދާޅުވިއެވެ.

މިއަދު އޮންލައިން