ޣައްޒާގެ އިންޑޮނޭޝިއަން ހޮސްޕިޓަލަށް ދިވެހިންގެ ނަމުގައި ބޭސް ފޯރުކޮށްދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 27ސ
ޣައްޒާގެ އިންޑޮނޭޝިއަން ހޮސްޕިޓަލަށް ދިވެހިންގެ ނަމުގައި ބޭސް ފޯރުކޮށްދީފި

ޣައްޒާގެ އިންޑޮނޭޝިއަން ހޮސްޕިޓަލަށް ދިވެހި ރައްޔިތުންގެ އެހީގައި 10،000 ޑޮލަރުގެ ބޭސް ފޯރުކޮށްދީފިއެވެ.

މިކަން ހާމަކޮށް އިންޓަރނޭޝަނަލް އެއިޑްސް ކެމްޕޭނުން ބުނީ އަނިޔާވެރި ޞަޙްޔޫނީންގެ ހަމަލާތަކުގައި އަނިޔާވާ މީހުންނަށް ފަރުވާދިނުމުގައި ޣައްޒާގެ ހުރިހާ ހޮސްޕިޓަލަކަށް ވެސް ވަނީ ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިކަމަށާއި އެގޮތުން އިންޑޮނީސިއަން ހޮސްޕިޓަލަށްވެސް ވަނީ ކަރަންޓާއި ބޭސްފަރުވާގެ ސާމާނު ލިބުމުގެ ދަތިކަން ފޯރާފަކަމަށެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަރުކަށި ޔަހޫދީން ފެށި ގަތުލުއާއްމުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ މީހުންގެ ޢަދަދު 11,000 ފަހަނައަޅައި ގޮސްފައިވާއިރު އޭގެ ތެރެއިން 4،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. ހުއްޓުމެއް ނެތި ހަނގުރާމަ ކުރަމުން އަންނަތާ 41 ދުވަސްވެފައިވާއިރު ޔަހޫދީންގެ ހަމަލާތަކުގެ ރައްދުގައި ޙަމާސްއިން އަންނަނީ އިސްރާއީލުގެ ޔަހޫދީންނާއި އިސްރާއީލަށް ވާގިވެރިވާ ގައުމުތައް ސިއްސުވާލާފަދަ ޙަމަލާތަކެއް ދެމުންނެވެ. އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީން ދެމުންދާ ހަމަލަތަކުގައި ހޮސްޕިޓަލުތަކާއި ސުކޫލްތަކާއި ކާބޯތަކެއްޗާއި ބޭސް ރައްކާ ކޮށްފައިވާ ގުދަންތަކާއި ސޯލާ ޕެނަލްތަކަށާއި ފެން ޕްލާންޓުތަކާއި ރެފިއުޖީ ކޭމްޕްތަކަށް ދޭ ހަމަލާތައް ވަނީ އިތުރުކޮށްފައެވެ.

ބައިނަލްއަގުވާމީ ޤާނޫނުތަކުން ހޮސްޕިޓަލްތަކަކީ ހަނގުރާމައިގެ ހާލަތުގައި ވެސް ރައްކާތެރިކަމާއި ހިމާޔަތް ލިބިފައިވާ ތަންތަންކަމަށްވީއިރު ޔަހޫދީންވަނީ އެމެރިކާގެ އެހީތެރިކަމާއެކު އައްޝިފާ ހޮސްޕިޓަލަށްވެސް ވަދެގެންފައެވެ. ހަމާސްގެ މުޖާހިދިން ތިބި ކަމަށް ތުހުމަތެއްކޮށް ޝިފާ ހޮސްޕިޓަލުގެ ތެރެއަށް ވަދެގަނެ ޔަހޫދީން އަންނަނީ އަމާންދިނުމުގެ ގޮތުން ހުދު ދިދަ ހިފައިގެން ނުކުންނަ އާއްމުންވެސް ޝަހީދުކުރަމުންނެވެ.

ޝިފާ ހޮސްޕިޓަލަށް ވަދެގަންނަން އިސްރާއީލަށް ފެހި ސިގްނަލެއް ދީފައި ނުވާނެ ކަމަށް ބުނެ އެމެރިކާއިން މިހާރު ބޯދަމައިގެންފައިވާއިރު ހޮސްޕިޓަލުގައި ހަމާސްގެ މުޖާހިދުން ތިބިކަމުގެ އެއްވެސް ހެއްކެއް ޔަހޫދީންނަކަށް ދެއްކިފައެއްނުވެއެވެ. އިސްރާއީލުން ޝިފާ ހޮސްޕިޓަލްގެ އެކި ސަރަހައްދުތައް ކޮންނަމުންދާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ހަމާސް އިން މިކަމާ ގުޅިގެން ބުނެފައިވަނީ ހޮސްޕިޓަލްގެ އެމްއާރުއައި މެޝިން ކައިރީގައި ހަތިޔާރު ރައްކާކޮށްފައި ހުރި ކަމަށް އިސްރާއީލުން ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއްކަމަށާއި ޝިފާ ހޮސްޕިޓަލަށް ހަތިޔާރު ވެއްދީ އިސްރާއީލުން ފޮށިތަކުގައި ބަންދުކޮށްގެން ކަމަށެވެ.

ހަމާސްއިން ބުނީ މިއީ ހަމާސްގެ ބޮލުގައި ދޮގު ތުހުމަތެއް އަޅުވައި އިސްރާއީލުން އަލް ޝިފާ ހޮސްޕިޓަލްގައި ތިބި ރައްޔިތުން ޝަހީދުކޮށް، ހަނގުރާމައިގެ ކުށްތައް ފޮރުވަން ދައްކާ ވާހަކަ ކަމަށެވެ.

ހަމާސްއިން ހައްޔަރު ކޮށްފައިވާ އިސްރާއީލުގެ ޔަހޫދީން ދޫކޮށްލައިފިނަމަ، ވަގުތީ ގޮތުުން ހަނގުރާމަ ހުއްޓާލާނެ ކަމަށް ހަރުކަށި ޔަހޫދީ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވާއިރު އިސްރާއީލުން ރަހީނު ކުރި މުސްލިމުން މިނިވަންކުރަން ނަތަންޔާހޫ ވަނީ ދެކޮޅު ހަަދާފައެވެ.

 

ހަބަރު: ވީނިއުސް

މިއަދު އޮންލައިން