ތުރުކީ ވިލާތަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް ޑރ.މުއިއްޒު އަށް ދައުވަތު އަރުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ތުރުކީ ވިލާތަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް ޑރ.މުއިއްޒު އަށް ދައުވަތު އަރުވައިފި

ތުރުކީ ވިލާތަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް ދައުވަތު އަރުވައިފިއެވެ.

ރައީސް ޑރ.މުއިއްޒު އަށް މިދައުވަތު އަރުވާފައިވަނީ ތުރުކީވިލާތުގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް، މެހްމަތް ނުރީ އާސޯއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިކަމަށްޓަކައި މިނިސްޓަރ މެހްމަތް ނުރީ އާސޯއިއަށް ޝުކުރުއަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ މިނިސްޓަރ މެހްމަތް ނުރީ އާސޯއި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވެލައްވާފައެވެ.

އަދި ތުރުކީވިލާތާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު އިތުރުކުރުމާއިއެކު، ދެ ޤައުމުގެ މެދުގައި ޓޫރިޒަމާއި ތަޢުލީމާއި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން މިނިސްޓަރ މެހްމަތް ނުރީ އާސޯއި ފާޅުކުރައްވާފައިވެއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް ދިވެހިރާއްޖެއަށް ގެނައުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ތުރުކީވިލާތަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެ މަނިކުފާނު ދަޢުވަތު އެރުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެ ޤައުމުގެ ސަގާފަތާއި އާދަކާދައިގައި ހުރި އެއްގޮތްކަން ފާހަގަކުރައްވާ، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން