އަށާރައަރުން ދަށުގެ ކިޔަވާކުދިންނަށް ވިސާ ލިބުމުގައި ލުއިފަސޭހަގޮތްތައް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
އަށާރައަރުން ދަށުގެ ކިޔަވާކުދިންނަށް ވިސާ ލިބުމުގައި ލުއިފަސޭހަގޮތްތައް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި

އަށާރައަރުން ދަށުގެ ކިޔަވާކުދިންނަށް ވިސާ ލިބުމުގައި ލުއިފަސޭހަގޮތްތައް ހަމަޖެއްސުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ މިރޭ ކުރުނބާ މޯލްޑިވްސްގަ ބައްދަލުކުރެއްވުމުގައެވެ.

މިގޮތުން ދެބޭފުޅުން ވަނީ ތަޢުލީމީ ދާއިރާއާ ގުޅޭގޮތުންނާއި އަށާރައަރުން ދަށުގެ ކިޔަވާކުދިންނަށް ވިސާ ލިބުމުގައި ލުއިފަސޭހަގޮތްތައް ހަމަޖެއްސުމާ ގުޅޭގޮތުންނާއި އިޤްތިޞާދު އާރާސްތުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭހެން ދެގައުމުން އިސްކަންދޭ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމުން އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމަކީ ދެ ޤައުމުގެ ގާތްގުޅުން ދައްކުވައިދޭ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ސްރީލަންކާގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މިގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ސްރީލަންކާގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފަސޭހަފުޅު ވަގުތެއްގައި ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއްކުރެއްވުމަށް ދަޢުވަތު އަރުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދަޢުވަތު ޤަބޫލުފުޅުކުރައްވާފައެވެ.

މިއަދު އޮންލައިން