ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުން އާއިލާތަކުގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ދޭންވާ ފުރިހަމަ އެހީ ސަރުކާރުން އާއިލާތަކަށް ދެއްވާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
"މަރުކަޒުން އާއިލާތަކާއި ގުޅިގެން ކުރެވުނު މަސައްކަތުން ގިނަ ބަޔަކު ވަނީ އަނބުރާ އެމީހުން އާއިލާއަށް ގެންދިއުމަށް ބޭނުންވެފައި. ގެންދަންވާއިރަށް ވާންޖެހޭ ތައްޔާރީތައް ވުމަށް އާއިލާތަކަށް މިދަނީ އެހީތެރިކަން ދެމުން. ބޭނުންވަނީ މަރުކަޒަކީ ވަގުތީ ތަނެއްގެ ގޮތުގައި ބޭނުންކޮށް، އެމީހުންނަށް އާއިލާއާއެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުން." ވަޒީރު ވިދާޅުވިއެވެ.
ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރުވެސް 218 މީހަކުތިބިއިރު އެ މަރުކަޒުގައި ތިބި 16 ފަރާތެއް އާއިލާއާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވިދާޅުވީ އަންނަ މަހުގެ ތެރޭގައި މި މީހުން އާއިލާއާއި ހަވާލުކުރުމަށް ތައްޔާރުވަމުން ދާކަމަށެވެ.