ޔަހޫދީންނާއި ދެކޮޅަށް ދުނިޔޭގެ ކޯޓަށް ސައުތު އެފްރިކާއިން ހުށަހެޅި މައްސަލައިގައި ސައުތު އެފްރިކާއިން ވަކާލާތުކުރަމުން ދިއަފަދަ ކޯޓު އަމުރެއް ނުނެރެވުނަސް، އެންމެ ބޭނުންވި ގޮތަށް ކޯޓުގެ އަމުރުގައި ނެތަސް މިއަދު ދުނިޔޭގެ ކޯޓުން ކުރިއަމުރުގެ ސަބަބުން މުސްލިމުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެއެވެ.
އެންމެ ބޮޑު އެއް ކާމިޔާބީއަކީ އެމެރިކާ އާއި އިނގިރޭސިވިލާތާއި އަދި އެހެންވެސް ބައެއް ޤައުމުތަކުގެ ތާއީދާއިއެކު ޔަހޫދީން ހިންގަމުން ގެންދާ އަނިޔާވެރި ޖަމާޢަތްތަކުގެ ޙަޤީޤަތް ދުނިޔެއަށް ހާމްވިކަމެވެ. އަދި އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަކީ ބައިނަލްއަޤްވާމީ ހަމަތަކާއި އިންޞާފުން ބޭރުން މުސްލިމުންނަށް އަނިޔާކުރަން ހިތްވަރުދޭ ބައަކުކަންވެސް ދުނިޔެއަށް ހާމަވެގެންދިއުމެވެ.
ތިރީގައި އެވަނީ މިއަދުގެ ޙުކުމާއި ގުޅިގެން ވީނިޔުސްގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.
ޣައްޒާގައި ހިންގާ ޖަރީމާތައް ހުއްޓުވަން އަމުރުކޮށް ދުނިޔޭގެ ކޯޓުން އެޅި ވަގުތީ ފިޔަވަޅުތަކަށް ފަލަސްތީނު ސަރުކާރުން މަރްހަބާ ކިޔައިފިއެވެ.
ޣައްޒާގައި ހިންގާ އުދުވާނުތަކާ ގުޅިގެން ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލާގައި ދުނިޔޭގެ ކޯޓު، އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން މިއަދު އިއްވި ހުކުމާ ފަލަސްތީނު ސަރުކާރުގެ ޚާރިޖީވަޒީރު ރިޔާދް އަލްމާލިކީވަނީ، ކޯޓުގެ ނިންމުމަށް މަރްހަބާ ވިދާޅުވެ، އެ ނިންމުން ތަންފީޒުކުރުން ކަށަވަރު ކުރުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފައެވެ.
ކޯޓުގެ ނިންމުން ތަންފީޒުކުރުން އިސްތިއުމާރީ ބާރު، އިސްރާއީލުންވެސް ކަށަވަރު ކުރަންޖެހޭނޭ ކަމަށް ފަލަސްތީނުގެ ޚާރިޖީވަޒީރު ވިދާޅުވިއެވެ.
އިސްތިއުމާރީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ހަނގުރާމަ ހުއްޓުވައި، އެ ހަނގުރާމައިގައި އެ ގައުމުތަކުން ބައިވެރިނުވާކަން ޔަގީންކުރުމުގެ ސާފު ގާނޫނީ ވާޖިބުތަކެއް ގައުމުތަކުގެ މައްޗަށް މިހާރު އެބައޮތް ކަމަށްވެސް ފަލަސްތީނުގެ ޚާރިޖީވަޒީރު ވިދާޅުވިއެވެ.
ފަލަސްތީނުގެ ޚާރިޖީވަޒީރު ރިޔާދް އަލްމާލިކީ ވިދާޅުވީ، ދުނިޔޭގެ ކޯޓުގެ ނިންމުމުން، ގާނޫނަށްވުރެ މަތީގައި އެއްވެސް ދައުލަތަކަށް ނޯވެވޭނެކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ.
އދގެ ކޯޓުން މައްސަލަ ބެލުމަށްފަހު އިއްވި ހުކުމުގައި އިސްރާއީލުގެ މައްޗަށް އަމުރުކޮށްފައިވަނީ، ނަސްލުނައްތާލުމުގެ ސީދާ އަމަލުތަކާއި، އަދި އެކަންކުރާ މީހުން ހުއްޓުވަން އިސްރާއީލަށް ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުން ކުރުމަށެވެ.
ނަސްލުނައްތާލުމުގެ އެއްވެސް އަމަލެއް، އިސްރާއީލު ސިފައިން ހިންގުން ހުއްޓުވައި، ޣައްޒާގެ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްވެސް އަމުރު ކޮށްފައި ވެއެވެ.
ނަމަވެސް، ކޯޓުގެ ހުކުމުގައި ހަނގުރާމަ ހުއްޓާލަން ގޮވާލާފައެއް ނުވެއެވެ.
އެކަމަކު، ކޯޓުގެ އަމުރުތައް ތަންފީޒުކުރަން އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތަކެއް ރިޕޯޓެއް، އެއްމަސްފަހުން ކޯޓަށް ހުށަހަޅަން އިސްރާއީލުގެ މައްޗަށް އަމުރު ކޮށްފައި ވެއެވެ.
އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން އިއްވި ހުކުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު ޝުއޫރުތައް ފާޅުކުރަމުން އެބަގެންދެއެވެ.
ކޯޓުން އިއްވާފައިވަނީ ވަގުތީ ހައްލެއްކަމުން، އެކަމަށް ބައެއް ފަރާތްތަކުން އުފާކުރާއިރު، ބައެއް ފަރާތްތަކުން ހިތްހަމައެއް ނުޖެހެއެވެ. ޚާއްސަކޮށް ހަނގުރާމަ ވަގުތުން ހުއްޓާލަން އަމުރުކޮށްފައި ނުވާ މައްސަލަ ފާހަގަ ކުރެއެވެ.
ކޮންމެ ގޮތެއް ވިޔަސް، ކޯޓުގެ އަމުރުތަކުގެ ސަބަބުން އިސްރާއީލަށް ބޮޑެތި ފިއްތުންތައް ކުރިމަތިވާނެ ކަމަށް އެންމެންވެސް ގަބޫލު ކުރެއެވެ.