މާލޭގެ ގެއެއްގެ ތެރެއިން މަރުވެ ކުނިވެފައި އޮތް މީހަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ އޭނާ ހޯދަން އެގެއަސް ފުލުހުން ދިއައީ މާލެއަށް ޑޮކްޓަރަށް ދައްކަން އައިސް ހުރި މީހެއްގެ ހަބަރެއް ނުވާކަމަށް މިރޭ 20:50 ހާއިރު ރިޕޯޓުކުރުމުން ކަމަށެވެ. އެ މީހާ ފެނިފައިވަނީ ކުރިކީލަ މަގުގައި ހުރި ގެއެއްގެ ތެރެއިންކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އއެމީހާ ފެނިފައިވަނީ އެއީ 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ ދިރިއުޅޭ ކޮޓަރިން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހާ މަރުވެފައިވާތާ މިހާރު ފަސް ވަރަކަށް ދުވަސް ވެދާނެއެވެ. އޭނާގެ ހަށިގަނޑު ވަނީ ކުނިވެފައެވެ. އެ ސަރަހައްދުން ވަރަށް ބޮޑަށް ކުނިވަސް ދުވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.
މިމަޢުލޫމާތާއި ގުޅިގެން އެމީހާ ދިރިއުޅުނީ އެކަނި ފަޅުގެއެއްގައިތޯ މިއަދުނޫހުން ސުވާލުކުރުމުން ފުލުހުން ބުނެފައިވަނީ އެއީ މީހުން ދިރިއުޅޭ ގެއެއް ކަމަށެވެ.
އެހެންކަމުން އުފެދޭ ސުވާލަކީ އެގޭގެ މީހުންނަށް އެފަދަ ވަހެއް ނުދުވާތީ ނުވަތަ އޭނާ ނުފެންނާތީ އޭނާ އުޅޭ ކޮޓަރި ހުޅުވައިގެން ނުބެލި ސަބަބަކީ ކޮބައިތޯއެވެ؟ ފުލުހުން ބުނެފައިވަނީ މައްސަލަ ތަޙްޤީޤް ކުރަމުން ގެންދާ ކަމަށެވެ.