ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމް ނެރުނު ބަޔާނުގައި ބުނީ ރައީސްގެ މަގާމަށް އިންތިޚާބު ކުރާ ބޭފުޅަކު، އެމަނިކުފާނުގެ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގެވުމަށް ބޭނުންވާ ވުޒާރާތަކާއި، އިދާރަތައް އުފެއްދެވުމާއި، އެ ވުޒާރަތަކާއި އިދާރަތައް ހިންގެވެމުމަށް ގާބިލު ބޭފުޅުން ޢައްޔަން ކުރެއްވުން އެއީ ރައީސްގެ ޒިންމާއެއް ކަމަށާއި ދައުލަތުގެ ވުޒާރަތައް ހިންގެވުމަށް ރައީސް މުއިއްޒު އައްޔަންކުރައްވާފައިވާ ވަޒީރުންނަކީ ކަމަށް ގާބިލު އަދި އެވުޒާރާތައް ހިންގެވުމުގެ ތަޖުރިބާ ހުންނެވި، އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝާނުން ޝައްކެއް ނުކުރާ ކަމަށް ބަޔާނުގައި ވެއެވެ.
ރައީސް ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރާންޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ ކަމާމެދުވެސް އެ ކޯލިޝަނުން އެއްވެސް ޝައްކެއް ނުކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ޕީޕީއެމުން ބުނެފައިވަނީ ވަޒީރުންނަށް އެބޭފުޅުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ދިނުމަކީ ސިޔާސީ ޕާޓީތަކުން ކުރާންޖެހޭ ކަމެއްކަމަށް ގަބޫލު ކުރާ ކަމަށާއި، ވަޒީރުންނަށް ރުހުން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުން މަޝްވަރާ ކުރުމަށް ފަހު ވަނީ ނިންމާފައެވެ.