ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅަށް އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިމައްސަލައިގައި ރާއްޖެއިން ބައިވެރިވުމަށް ނިންމީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެ ކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
މިކަމައިގުޅިގެން މައުލޫމާތު ޙިއްޞާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް ވިދާޅުވީ ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވުމަށް ނިންމާފައިވާކަމަށެވެ. އަދި އެ މައްސަލައިގައި ދިވެހި ސަރުކާރުގެ އޭޖެންޓެއްގެ ގޮތުގައި ބަންޑާރަނައިބު އަޙްމަދު އުޝާމް ކަނޑައަޅުއްވާފައިވާ ކަމަށް ވެސް ނާޡިމް ވިދާޅުވިއެވެ.
ޔަހޫދީން ހިންގާ ޤަތުލުޢާންމު ކުށްވެރިކޮށް ދެކުނު އެފްރިކާއިން އައިސީޖޭއަށް މައްސަލަ ހުށަހެޅީ 1948 ވަނަ އަހަރު އެކުލަވާލާފައިވާ ޤަތުލްޢާންމު މަނާ ކުރުމާއި އެ ކަން ކުށްވެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުޢާހަދާއާ ޔަހޫދީން ޚިލާފުވެފައިވާ ކަމަށް ބުނެއެވެ. އެ މައްސަލަ އެ ޤައުމުން އައިސީޖޭއަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު 29ގައެވެ.