ބަލިތައް ނައްތާލުމަށް ފަންނީ އެހީތެރިކަމާއި އެއްބާރުލުމަށް ޤައުމުތަކުގެ ކިބައިން ރާއްޖެއިން އެދިއްޖެއެވެ.
ރާއްޖެއިން މިކަމަށް އެދިފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 154 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ. މި ބައްދަލުވުން ކުރިއަށްގޮސްފައިވަނީ ޖެނީވާގައި ހުންނަ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ހެޑްކުއާރޓާޒްގައި މިމަހުގެ 22 އިން 27 އަށެވެ.
ރާއްޖެއިން މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ޔުނިވަރސަލް ހެލްތު ކަވަރޭޖް، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ބަލިތަކުން ރައްކާތެރިވުމާއި ބަލިތައް ކޮންޓްރޯލުކޮށް ނައްތާލުމަށް ކަނޑައަޅާފައިވާ ޕްލޭންތަކާއި ޓާގެޓްތަކުގެ މައްޗަށް މަޝްވަރާކޮށް ހުށަހެޅުންތައް ހުށަހެޅުނުކަމަށް ޞިއްޙަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިބައްދަލުވުމުގެ ހަވާސާގައި ބައެއް ދޭދޭ ޤައުމުތަކާއެކު ބައްދަލުވެ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި، އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވުނުކަމަށްވެސް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.