އިހަވަންދިއްޕޮޅު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފަހަގަކުުރުމަށް ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
މި މަޝްރޫއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާގެ ވިސްނުންފުޅަކީ މި އަހަރުގެ ތެރޭގައި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށުން ކަމަށެވެ. އަދި އެކަމަށްވާންޖެހޭ ތައްޔާރީތައްވަމުންދާކަމަށާއި މި މަޝްރޫޢާއެކު ކަސްޓަމްސްގެ ޚިދުމަތްތަކަށްވެސް ބޮޑެތި ބަދަލުތަކެއް އައިސް އިތުރު ޒިންމާތަކެއް އަންނާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ ކަސްޓަމަސްގެ ޒިންމާއަކަށް ދެންވާންވާނީ މެރިޓައިމް އިކޮނޮމީއެއް ފުޅާވެގެންދާއިރު، މެނޭޖްމަންޓް ސިސްޓަމްތަކާއި، އޮޕަރޭޓިންގ ސިސްޓަމްތަކާއި، ހިއުމަން ރިސޯސަސް އާއި ވަސީލަތްތައް ތަރައްޤީކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް ތަރައްޤީގެ ޒަމާނަކަށް ސިސްޓަމްތައް ވާސީލްވުން ކަމަށެވެ.