ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އުދުވާންތައް ދާއިމީ ގޮތެއްގައި ހުއްޓާލަން ރައީސް އެދިވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 15ސ
ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އުދުވާންތައް ދާއިމީ ގޮތެއްގައި ހުއްޓާލަން ރައީސް އެދިވަޑައިގެންފި

ފަލަސްޠީނުގެ ޣައްޒާ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އުދުވާންތައް ދާއިމީ ގޮތެއްގައި ހުއްޓާލަން ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް، ޑޮނާލްޑް ލޫއާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައިސް ވިދާޅުވީ ކުރިއަށް އޮތީ ރަމަޟާން މަހަށްވާތީ، ފަލަސްޠީނުގެ ޣައްޒާ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އުދުވާންތައް ދާއިމީ ގޮތެއްގައި ހުއްޓާލުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދެން އޮތީ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރާ ދެދައުލަތެއް ޤާއިމުކޮށް، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، އަދި ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކޮށްގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި އިޤުތިޞާދު ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި އަދި އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުން ފަދަ ދާއިރާތަކުން ދެޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް އަލި އަޅުއްވައިލެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމެރިކާ ސަރުކާރުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި، އެމަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހިރާއްޖެއަށް ފައިދާކުރާ، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް ބާރުލިބޭ ކަންކަމަށް މަރުހަބާކިޔުން ކަމުގައި ވިދާޅުވިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ވަނީ ދިވެހިރާއްޖެއާއި އެމެރިކާއިން އިސްކަންދޭ މުހިންމު ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. 

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީއަށްޓަކައި މަރުޙަބާ ވިދާޅުވިއެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާ ޞުލްޙަވެރިކަމާއެކު ގެންގޮސްދެއްވުމާއި، ވެރިކަމުގައި މިވީ ކުރު މުއްދަތުގެ ތެރޭގައި ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވި ގޮތްތަކަށް ތަޢުރީފުކުރައްވައި، އެއީ މުޅި ދެކުނު އޭޝިއާއާއި ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް މިސާލެއްގެ ގޮތުގައި ސިފަކުރެއްވިއެވެ

މިއަދު އޮންލައިން