ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ކުރީގެ ޕީޖީ މުހުތާޒު އައްޔަނުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ކުރީގެ ޕީޖީ މުހުތާޒު އައްޔަނުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ކުރީގެ ޕީޖީ މުހުތާޒު މުހުސިން މިއަދު އައްޔަން ކޮށްފިއެވެ.

މުހުތާޒަކީ ރައީސް އޮފީހަށް އައްޔަން ކުރެއްވި 4 ވަނަ އެޑްވައިޒަރެވެ.

އެ މަގާމަށް އައްޔަން ކުރުމުގެ ކުރިން މުހުތާޒު ވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ދަނގެތީ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާފައެވެ. ނަމަވެސް ޕްރައިމަރީން އޭނާވަނީ ބަލިވެފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުރުން މުހުތާޒް ވަނީ ކްރިމިނަލް ކޯޓުގެ ގާޒީކަމާއި, ޑީޖޭއޭގައި އެސިސްޓަންޓް ލީގަލް އޮފިސަރުގެ މަގާމު ވެސް ފުރުއްވާފައެވެ.

އޭނާ ގެންދަވަނީ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނާއި, ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަންކަންގެ އިތުރުން ސައުތް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ޑިސިޕްލިނަރީ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވަމުންނެވެ.

މުހުތާޒުގެ އިތުރުން ދެން ތިއްބެވި އެޑްވައިޒަރުންނަކީ، ރައީސް ޑރ މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާއި ޓްރޭޑް އެންޑް އިންވެސްޓްމަންޓުގެ ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓު މުހައްމަދު އަލީ ޖަނާހުގެ އިތުރުން ޓޫރިޒަމް ޑިވެލޮޕްމަންޓް އެޑްވައިޒަރު މުހައްމަދު ހަލީލެވެ.

އޭގެ ތެރެއިން އަބްދުއްރަހީމް މުސާރަ ނެންގެވި ނަމަވެސް ޖަނާހު އާއި ހަލީލު އެ މަގާމަށް މުސާރައެއް ނުނަންގަވައެވެ.

މިއަދު އޮންލައިން