ޕެނަޑޯލްގެ ވަކި ވައްތަރެއްގެ ބޭސްގުޅަތަކެއްގެ ކޮލިޓީ އާއި ގުޅޭގޮތުން ތަހުލީލުތަކެއް ކުރަމުންދާތީ، އެ ބޭސް ރާއްޖޭގައި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ބޭނުންކުރާ ބޭހުގެ ފެންވަރު ބެލުމަށްޓަކައި ކުރި ދިރާސާއެއްގައި މާކެޓުން ނަގާފައިވާ ސާމްޕަލްގެ ތެރެއިން ސްރީލަންކާގެ ސްމިތްކްލިން ބީޗަމް ކުންފުނިން އުފައްދާފައިވާ ޕެނެޑޯލް 500 މިލިގްރާމްގެ ބޭސް ޓެސްޓުކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސްގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
އެމްއެފްޑީއޭއިން ވިދާޅުވީ، އާއްމުގޮތެއްގައި ބޭސް ގުޅައަށް މިހެން ދިމާވަނީ ބޭސް އުފެއްދުމުގައި ނުވަތަ ބޭސް ރައްކާ ކުރުމުގައި ފުރިހަމަ ކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރުމުންކަމަށެވެ. އަދި މިފަދަ މައްސަލައެއް ދިމާވެފައިވާ ބޭސް ބޭނުންކުރުމުން ބޭހުން ލިބެންޖެހޭ ފައިދާ ނުވަތަ ބޭހުގެ "އިފެކްޓް" ނުކުރުމުގެ ފުރުޞަތު ބޮޑުކަމަށެވެ.
މީގެއިތުރުން އެ އޮތޯރިޓީން އަންގަންދެން, ފާމަސީތަކުންނާއި, އާއްމު ފިހާރަތަކުން މި ބޭސް ނުވިއްކަން އަންގާ ކަމަށާއި އަދި އެ އިދާރާއިން ކުރިޔަށް ގެންދާ ތަހްލީލެއް ނިމެންދެން އެ ބޭހަކީ ރާއްޖޭގައި "ރެސްޓްރިކްޓެޑް" ބޭހެއް ކަމަށް ނިންމާފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.
އަދި މިވަގުތު ގުދަންކުރެވިފައިހުރި މި ބޭހުގެ ސްޓޮކް ވަކިކުރުމަށްފަހު ރައްކާކުރަންޖެހޭ ފިނިހޫނު މިނުގައި ބެހެއްޓުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.