ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަ ޢަދަދަށް ބަލައި މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރިން ގެނެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ކޯޑިންގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށްދިއުމަށް ބޭނުންވާ ހުނަރުތައް ތަރައްޤީކޮދީ، ފުރުސަތުތަށް ތަނަސްވަސްކޮށްދިނުމުގެ ހާއްސަ ޕްލޭން އިފްތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، މި ސަރުކާރުން ޒުވާނުން ބާރުވެރި ކުރުވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެކަމަށާ، އެއީ ކުރިން އެއްވެސް ސަރުކާރަކުން ކޮށްފައިނުވާވަރުގެ ބޮޑު އަދި އެހާމެ މުހިންމު މަސައްކަތަކަށް ވެގެންދާނެކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ އެންމެ ބޮޑު މަންފާއެކު ކުރާނެ އެއްދާއިރާއަކީ ފަތުރުވެރިކަމުގެ ސިނާއަތްކަމަށާ، އެދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ފަތުރުވެރިކަމާ ބެހޭ ވުޒާއާރާއިންވެސް ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ފައިސަލް ވިދާޅުވިއެވެ.
"އެމްއެމްޕީއާރުސީއާއެކު މިކުރެވޭ މަސައްކަތުގައި މިފަހަރު އަޅުގަނޑުމެންގެ ޓާގެޓަކީ 2 މިލިއަން. އެހެންނަމަވެސް ޗައިނާ އަދި އިންޑިއަން މާކެޓު އެހުރިވަރުގަ ހިފެހެއްޓިއްޖެކަމަށްވާނަމަ އަޅުގަނޑަށް ފެނޭ ގާތްގަނޑަކަށް ޓޫރިސްޓު އެރައިވަލް 2024ގައި ނިންމާލެވިދާނެކަމަށް 2.3 މިލިއަންގައި. އެހެންވެއްޖެކަމަށްވާނަމަ އެއީ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ. އެކަމުގައި އަޅުގަނޑުމެން މިދަނީ މަސައްކަތްތަކެއްވެސް ކުރަމުން." ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޚާއްޞަ އަދި ދުނިޔޭގެ މަޤްބޫލުކަން ހޯދޭނެ އެޕްލިކޭޝަނެއް ވަރަށް އަވަހަށް ތަޢާރަފްވާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.
"މިހާރުވެސް ރާއްޖޭގެ ޓޫރިޒަމް މާކެޓް ކުރުމުގައި އޮންލައިންކޮށް ކުރާ މަސައްކަތްތަކާއެކު މި ސިނާއަތަށް ގިނަ ފައިދަތަކެއް ކުރާނެ. ޒުވާނުން މިދާއިރާއިން ތަމްރީން ކުރުމުން އޮންލައިންކޮށް ރާއްޖެ އިސްތިހާރު ކުރެވޭނެ އިތުރު ގޮތްތައް ހެދައި އެކަމުގެ ސަބަބުން މި ސިނާއަތައް ބޮޑު ކުރިއެރުމެއް އަންނާނެ" އިބްރާޙިމް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ޒުވާނުންގެ ކުރިއެރުމަށާއި، ޒުވާނުން ވިޔަފާރީގެ ދާއިރާތަކަށް ވެއްދުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ. އަދި ދުނިޔޭގެ މަޝްހޫރު އޮންލައިން ޕްލެޓްފޯމްތަކުގައި ބައިވެރިވެ ކުރިއަށް ދާން ބޭނުންވާ ޒުވާނުން ކުރިއަށްނެރެގެން މަސަކަތް ކުރުމުގެ ނަތީޖާ ރާއްޖޭގެ އިޤްތިޞާދަށާ ޒުވާނުންނަށް ކުރާނެކަމަށްވެސް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވިއެވެ.