މާލީ ދާއިރާ އިތުރަށް ކުރިއަރުވައި ރާއްޖޭގައި އިތުރު އިންސްޓިޓިޔުޝަންތައް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭއިރު ވިސްނާލަން އޮތް އެންމެ މުހިންމު އެއް ކަމަކީ ރާއްޖެއަކީ އިސްލާމީ ފިނޭންސްގެ ދާއިރާއިން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ޤައުމަކަށް ހެދޭނެ ޤާބިލް ދިވެހި ދަރިން އެބަ ތިބިކަމެވެ. އެދަރިން މިހާރުވެސް ގެންދަނީ ދުނިޔޭގެ ފެންވަރުގައި ނަތީޖާ ނެރެ އެކަން ދައްކައިދެމުންނެވެ.
ގުޅުން ހުރި ލިޔުމެއް:
އިސްލާމިކް ފައިނޭންސް އިނޮފެސްޓު 2021 ވަނަ އަހަރުގެ އެންމެ މޮޅު ޚީޔާލަށް ޑރ މުނީޒާގެ ހުށަހެޅުއްވި ޚިޔާލު ހޮވިއްޖެ
ޢަބްދުއްލަޠީފް
އިސްލާމިކް ފައިނޭންސް ކުރިއެރުވުމުގެ މަގްސަދުގައި 3 ނޮވެމްބްރު 2021 ދުވަހު ބޭއްވި އިސްލާމިކް ފައިނޭންސް އިނޮފެސްޓް 2021ގެ އެންމެ އީޖާދީ ހިޔާލު ހުށަހެޅުއްވި ފަރާތަކަށް ދިވެހި ރާއްޖޭގެ އެސޯސިއޭޓް ޕްރޮފްސަރ ޑރ އައިޝަތު މުނީޒާގެ ހުށަހެޅުން ހޮވިއްޖެއެވެ. އޭނާ ހުށަހެޅުއްވި ޚިޔާލަކީ: "ބްލެންޑަޑް އިސްލާމިކް ސޯޝަލް ފައިނޭންސް- މައިކްރޯ ތަކާފުލް މޮޑެލް: އެ ވެލިއޔު ބޭސްޑް ސޮލިއުޝަން ފޯ ޕްރޮޓެކްޝަން އެންޑް ޕްރޯވިޝަން" އެވެ. މި ޚިޔާލު ހުށަހެޅުއްވީ އިންޑިއާގެ އިލްމުވެރިއެއްކަމުގައިވާ ޑރ ޝިނާޖާއެކުގައެވެ.
މި މުބާރާތް އިންތިޒާމުކުރައްވާފައިވަނީ މެލޭޝިޔާގެ މަރުކަޒީ ބޭންކުން އިސްލާމިކް ފައިނޭންސަށް ޚާއްސަކޮށް އުފައްދާފައިވާ ޕޯސްޓްގްރެޖުއޭޓް އިސްލާމިކް ޔުނިވަރސިޓީންނާއި، އެފް ޑަބްލިޔު ތަކާފުލް އަދި އައިކަނެކްޓާ ގުޅިގެންނެވެ. މިއަހަރުގެ އިނޮފްސްޓު ޚާއްސަކޮށްފައިވަނީ ތަކާފުލް ގެ އީޖާދީ ޚިޔާލުތައް ހުށަހެޅުމަށެވެ. މިގޮތުން ހުށަހަޅާ ޚިޔާލުތައް ވާންޖެހެނީ އީޖާދީ، އެންމެން ބައިވެރިކޮށްގެން ހިންގޭނެ، އަދުލުވެރި ތަކާފުލް ނިޒާމެއް ބިނާ ކުރުމުގެ މައްޗަށެވެ. އެއީ "ވެލިއު ބޭސްޑް ތަކާފުލް" ގެ ނިޒާމެއް ޤާއިމުގެ ކުރުމުގެ ބޭނުމުގައެވެ.
އައިއެފް އިނޮފެސްޓް 2021 އަކީ މެލޭޝިއާގެ ސެންޓްރަލް ބޭންކުން ހިންގާ ޔުނިވާސިޓީ އައިއެންސީއީއައިއެފް އާއި، އެފްޑަބްލިއުޑީ ތަކާފުލާއި އައިކަނެކްޓް އިންތިޒާމް ކޮށްގެން މުބާރާތެކެވެ. މިފަދަ މުބާރާތެއް ބޭއްވުމުގެ މަގްސަދަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އީޖާދީ ހިޔާލުތަކަށާއި ޕްރޮޕޯސަލްތަކަށް ޕްލެޓްފޯމެއް ހޯދައިދިނުން ކަމަށެވެ. އިނޮފެސްޓަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.
މި މުބާރާތަށް އެކި ފަރާތްތަކުން ތަފާތު ޕްރޮޕޯސަލްތައް ހުށަހެޅިއިރު، ހޮވާލެވުނު އަށް ހިޔާލެއް ވަނީ މިމަހުގެ ތިންވަނަ ދުވަހު ހުށަހަޅާފައެވެ. އެ ހިޔާލުތައް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެއްވަނަ އަށް ދިޔަ ފަރާތަށް 15،000 ރިންގިޓް (55،730ރ.) ދިން އިރު ދެވަނަ އަށް ދިޔަ ފަރާތަށް 10،000 ރިންގިޓް (37،153ރ.) ވަނީ ދީފައެވެ. އަދި ތިންވަނައަށް ދިޔަ ފަރާތަށް 5،000 ރިންގިޓް (18،577ރ.) ދިން އިރު، ބާކީ ފަރާތްތަކަށް ވަނީ 1،000 ރިންގިޓް (3،715ރ.) ދީފައެވެ.
މިއަހަރު ބޭއްވި އައިއެފް އިނޮފެސްޓް މުބާރާތުގައި ހޮވާލެވުނު 8 ޚިޔާލު ހުށަހެޅުއްވި ބައިވެރިން ނިސްބަތްވާ ޤައުމުތަކުގެ ތެރޭގައި ބްރޫނާއީ، އިންޑިއާ، މޮރިޝަސް، މެލޭޝިއާ، އިންޑޮނޭޝިއާ، ސިންގަޕޫރު، ދިވެހިރާއްޖެ އަދި ޕާކިސްތާނެވެ.
ޑރ މުނީޒާއަކީ ރާއްޖޭގެ އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ރެހެންދީ އެވޯޑު ލިބިވަޑައިގެންފައިވާ ފަރާތެކެވެ. އަދި ބައިނަލްއަޤވާމީ މައިދާނުގައިވެސް އިސްލާމިކް ފައިނޭންސް ތަރައްޤީކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ، ދުނިޔޭގެ އިސްލާމިކް އިކޮނޮމީގެ އެންމެ ނުފޫޒުގަދަ 500 ފަރާތުގެ ލިސްޓުގައި ހިމެނޭ ފަރާތެކެވެ.