މީގެ ދުވަސްކޮޅެއް ކުރިން ދިވެހިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އެއީ އިސްލާމް ދީނާއި ރައްޔިތުން ދުރުކުރުވުމުގެ ގިނަ ޢަމަލުތަކެއް އެއިރުގެ ސަރުކާރުން ކުރާތަން ފެންނާތީއެވެ. އެ ޙާލަތުން ރައްޔިތުން ސަލާމަތްކޮށްދެއްވެވުން އެދި ގިނަ ބައަކު ދުޢާކުރިއެވެ.
ރައްޔިތުން ދީނާ ދުރުކުރުވަން އެކި ގޮތްގޮތުން ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން އުފެދިފައިހުރި ނުބައި އާދަތައް އެއްފަހަރުން ނައްތައި ނުލެވުނު ނަމަވެސް މިސަރުކާރުގެ ތެރެއިން އަދި ފެންނަނީ ދީނަށް ނަޞްރުދޭތަނެވެ! އެކަން އެގޮތުގައި ދަމަހައްޓަވާށި! އާމީން!
ތިރީގައިވާ ލިޔުން އެދުވަހު ކިޔުންތެރިން ކިޔާފައިވަނީ ވަރަށް އަސަރާއިއެކުގައެވެ. ޔަޤީންކުރަންވީ ރައްޔިތުން އިޚްލާޞްތެރިކަމާއިއެކު އެދޭގޮތަކަށް ﷲ ތައާލާ ކަންކަން ހިންމަވައި ދެއްވަވާނެ ކަމަށެވެ.
ދީނުގެ ކަންކަމަކީ ކުޅޭ ކުޅިވަރަކަށް ނުހައްދަވާ! މާތް ﷲ ވާގިފުޅާއިއެކު ކުރިއަށް އޮތްތަނުގައި ފެނިގެންދާނީ ދިވެހި ރައްޔިތުން އިސްލާމް ދީނުގައި އިތުރަށް ސާބިތުވާތަން! އަމާންކަމުގައި ދުނިޔެ ނަމޫނާ ދައްކަމުން އަންނަ ދިވެހި ރާއްޖެއަކީ ނަރަކައަކަށް ހަދަން ނޫޅޭ. މާތް ﷲ ވާގިފުޅާއިއެކު އެކަމެއް ނުކުރެވޭނެ އެއްބައަކަށްވެސް.!
އެއީ ކުރެވޭނެ ކަމެއް ނޫންކަން ކަށަވަރު! އެފަދަ ކަންކަން ކުރާމީހުން މާތް އެކަހެރިކުރައްވަވައި ނިކަމެތި ކުރައްވަވާނެ! މާތް ﷲ ވާގިފުޅާއިއެކު އެފަދަ ކަންކަން ކުރާ މީހުން ނިކަމެތިވެގެންދާތަން އަޅުގަނޑުމެންނަށް ފެންނާނެ!
އިސްލާމް ދީނަށްވުރެ މޮޅު ގޮތެއް ދެއްކުމުގެ ނަމުގައި ދިވެހި ޤައުމު ފަސާދަކުރަން އެއްވެސް ބައަކަށް ޖާގަ ނުދެވޭނެއެވެ.
ދިވެހި ޤައުމު ފަސާދަކޮށް ޤައުމުގެ އިޤްޠިޞާދު ފުނޑުފުނޑުކުރަން މަސައްކަތްކުރާ މީހުންގެ ސަބަބުން ޑިމޮކްރަސީއެވެ މިކިޔާ ބަހަށްވެސް ލިބެނީ ވަރަށް ބޮޑު ހުތުރެކެވެ. "ޑިމޮކްރަސީއަކީ ބައަކު ޤަބޫލުކޮށްގެން ތިބި ގޮތްތައް ބަދަލުކުރުންތޯ؟ އިސްލާމް ދީނުގަ އޮތް ބޭއިންޞާފަކީ ކޮބައިތޯ؟ އެއިރުންސުރެ މިހާރާއި ހަމައަށް ބެލިނަމަވެސް ކީރިތި ޤުރްއާނާއި ރަސޫލާ (ﷺ)ގެ ޙަދީޘްފުޅުތަކަށްވުރެ ރަނގަޅު އެއްވެސް ހަމަތަކެއް ދުނިޔެ ދެކެފައެއް ނުވޭ!"
ކޮންފަދަ ފުރިހަމަ ވާހަކަފުޅެއްތޯއެވެ؟
މިސަރުކާރުގައި ރާއްޖޭގައި އިސްލާމް ދީނުގެ ކަންކަން ކުރިއަރަމުން މިއަންނަނީ އިސްލާމް ދީނަށް ލޯބިކުރާ ރައްޔިތުން އުފާކުރުން ޙައްޤު ގޮތުގައެވެ. އެކަންކަމަށް އެދިއެދި ތިބި ގޮތަށެވެ. ވީމާ ރާއްޖޭގައި އެހެން ދީންތައް ފަތުރުވަން މަސައްކަތްކުރާ ޚާއިނުންނަށާއި އެމީހުންގެ އެޖެންޓުންނަކަށް އެކަންކަން ޙަޖަމެއް ނުކުރެވޭނެއެވެ. އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުންވެސް ސަރުކާރު ވައްޓާލަން މަސައްކަތްކުރާނެއެވެ. އެއީ ޝައްކުކުރަންޖެހޭ ކަމެއް ނޫނެވެ!