500 ވުރެ ގިނަ ޒުވާނުން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާތަކުން ތަމްރީ ކުރައްވާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.
ފަންނިއްޔާތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ޤައުމީ ހަރަކާތެއް ފެށުމަށާ، ކޯޑިންގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށްދިއުމަށް ބޭނުންވާ ހުނަރު ތަރައްޤީކޮށްދީ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ހާއްސަ ޕްލޭން ހެދުން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ވަޒީރު ވިދާޅުވީ ރާއްޖޭގެ އާބާދީގެ 35 އިންސައްތަ ހިއްސާކުރަނީ ޒުވާނުންކަމަށާ، ޒުވާނުން އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ އެކިއެކި ފުރުސަތުތައް މިސަރުކާރުން ފަހިކޮށްދެއްވާނެކަމަށެވެ.
އަދި ޒުވާނުންނާ ނުލައި ރާއްޖޭގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެކަން ފާހަގަކުރައްވަމުން އިބްރާޙިމް ވަޙީދު ވިދާޅުވީ، އެކި އެކި ދާއިރާތަކުން ޒުވާނުން ތަމްރީންކޮށް ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤުއާމީ މައިދާނުގައި ޒުވާނުން ބާރުވެރި ކުރުވުމަށް މަސައްކަތަކެއް ކުރަންޖެހޭކަމަށެވެ.
ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާތަކުން ފަސްއަހަރު ދުވަހުގެތެރޭގައި 500 ވުރެ ގިނަ ޒުވާނުން ތަމްރީ ކުރައްވާނެކަމަށާ، އެކަން ކުރައްވާނީ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޓެކްނިކަލް ދާއިރާތަކުން ތައުލީމާއި ތަމްރީނު ޒުވާނުންނަށް ދީގެންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ "ޓެކްނޮލޮޖީގެ ދާއިރާއިން ޒުވާނުން ބާރުވެރި ކުރުމަށް މަސައްކަތަކެއް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ޚާއްޞަ އިސްކަމެއް ދެއްވާފައިވާކަމެއް، މީ ފަންނީ މަސައްކަތްތަކަށް އަހުލުވެރި ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް. އަދި އަންހެނުންނަށް ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް އޮތް ފުރުސަތުތައް ފަހިކޮށްދެވޭނެ. އަދި ފަންނިއްޔާތުގެ ދާއިރާއިން ފްރީލައިންސްކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވާންނަން" ކަމަށެވެ.