ވިލާތުގެ ގައުމުތަކަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޑިއުޓީ ކުޑަކުރުމަށް ވިލާތުގެ އިއްތިހާދާއެކު ދިވެހި ސަރުކާރުން މަޝްވަރާކުރާކޮށްފިއެވެ.
މި މަޝްވަރާތައް ބާއްވަފައި ވަނީ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބެލްޖިއަމްގެ ވެރިރަށް، ބްރަސަލްސްއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ރާއްޖެއިން ވިލާތުގެ ޤައުމުތަކަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން ދިވެހިންނަށް އީޔޫގެ ވީޒާ ފަސޭހައިން ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. މަހުން ނަގާ ޑިއުޓީ ކުޑަކުރުމާއި ވީޒާގެ ލުއި ފަސޭހަ ހޯދުމުގެ އިތުރުން، ރާއްޖެއާއި އީޔޫއާ ދެމެދު ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
ޔޫރަޕިއަން ޕާލިމަންޓުގެ މެމްބަރެއްކަމަށްވާ، ނިކޮލާ ޕްރޮކަޗީނީގެ އިތުރުން، ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ މެނޭޖިންގ ޑިރެކްޓަރާވެސް ހާރިޖީ ވަޒީރު ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައިވެސް ހާރިޖީ ވަޒީރު ވަނީ މަހުން ނަގާ ޑިއުޓީއާއި ވީޒާގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.