ހޯއްގޮވާ ކެއްސުން ނުވަތަ ޕަރޓޫސިސްގެ އިތުރު ކުއްޖަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭން ހާމަކުރައްވައިފިއެވެ.
މިކަމާގުޅިގެން އެޗްޕީއޭން އިން ބުނެފައިވަނީ ބުދަދުވަހު ޕޮޒިޓިވްވެފައިވަނީވެސް ގއ.ވިލިނގިލީގެ ކުއްޖެ ކަމަށެވެ.
އެޗްޕީއޭން ވިދާޅުވީ ބަލީގެ އަލާމަތް ހުރި ކުދިން ޓެސްޓްކޮށް ބޭސްދީފައިވާކަމަށާއި އަދި ގއ. އަތޮޅު ހޮސްޕިޓަލުން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ އިތުރުން، ބަލި ޖެހުނު ކުދިންނާ ގާތުގައި އުޅުނު އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް 6 މަސްވެފައިވާ މީހުންނަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދީފައިވާކަމަށެވެ.
ރޯގާޖެހި ކެއްސާ ފަރާތްތަކުގެ ތެރެއިން ކެއްސުން ދިގުލައިގެން ދާނަމަ ނުވަތަ ކެއްސުމުގެ ސަބަބުން އުނދަގޫތަކެއް ދިމާވާނަމަ ވީހާވެސް އަވަހަށް ސިއްޙީ ޚިދުމަތްތެރިންގެ އެހީހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.