މަސްވެރިންނަށް ސަރުކާރުން ދޭންޖެހި ނުދެވި ހުރިފައިސާއެއް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ ހުރިކަމަށެވެ. އެހެންނަމަވެސް މިހާތަނަށް މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށްވުރެ ބޮޑުއަދަދެއް މަސްވެރިންނަށް ދައްކާ ޚަލާސްކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި ކޮންމެދުވަހެއްގެވެސް އިތުރުވާ އަދަދާއެކު މަސްވެރިންނަށް ނުދެވި މިވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތައް ދައްކާކަމަށް ވަޒީރު ޝިޔާމު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ ސަރުކާރު އަދި މިފްކޯއިންދަނީ ރައީސުލްޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީދީގެންވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުންދާ ކަމަށާއި އެހެންނަމަވެސް، ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާ މާލީ ޑިސިޕްލިން ގެންގުޅުނުގޮތުން އެތެރެއިން އަދި ބޭރުންވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުން ހުރިކަންވެސް ވަޒީރު ޝިޔާމު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި އެކު ލަސްތަކެއްނުވެ މިހާރު ހުރި ބެކްލޮގް އެއްކޮށްފިލުވާލެވި ބަރާބަރަށް މަސްވެރިންނަށް ފައިސާ ދެވިގެން ދާނެ ކަމަށް ވެސް ވަޒީރު ޝިޔާމު ވިދާޅުވިއެވެ.