ޗައިނާ ސަރުކާރުން ދޭ 200 ސްކޯލަރޝިޕްގެ ފުރުޞަތަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މިހާރު ކުރިމަތިލުމަށް ހުޅުވާލާފައިވާ 200 މީހުންގެ ޖާގައިގެ ސްކޯލަރޝިޕަކީ މާސްޓަރސް ޑިގްރީގެ ކޯސްތަކުގައި ބައިވެރިވުމަށްހުޅުވާލާފައިވާ ފުރުޞަތުތަކެކެވެ.
މި ސްކޯލަރޝިޕްގެ ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލްގެ ފަރާތުން ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރާ ވުޒާރާއިން ވިދާޅުވެއެވެ. މި ސްކޮލަރޝިޕްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށައެޅުމަށް ވުޒާރާއިން އެދިވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢީއްޒު މިދިޔަ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާ ސަރުކާރުން ވަނީ ރާއްޖެއަށް 1000 ސްކޯލަރޝިޕްގެ ފުރުޞަތު ދީފައެވެ. އެ 1000 ސްކޮލަރޝިޕް 5 އަހަރު ދުވަހަށް ބަހާލައިގެން ކޮންމެ އަހަރަކު 200 ދިވެހިން ފޮނުވަން ސަރުކާރުން ވަނީ ނިންމާފައެވެ.