ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ އިޤްތިޞާދީ ޖެންޑާ ކުރިއަށްގެންދިއުމަށް ކޮޅުމަޑުލުގެ އެއްބާރުލުން ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.
މެންބަރު ރިޔާޟް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ކިނބިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މެންބަރު ރިޔާޟް ވިދާޅުވީ އިޤްތިޞާދީ ތަނަވަސްކަން ފުދުންތެރި ރައްޔިތުން ބިނާކުރުމަކީ ރައީސް ބޭނުންފުޅުވާ ކަމަކަށްވާއިރު ރައީސްގެ އިޤްތިޞާދީ އެޖެންޑާ ކުރިއަށް ގެންދިއުމަށް ކޮޅުމަޑުލު ރައްޔިތުންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެހެންވެ ހުރިހާ ސިޔާސީ ވިސްނުމެއްގެ ބޭފުޅުންވެސް އެމަނިކުފާނުގެ ފަހަތްޕުޅަށް އައުމަށް ރިޔާޟް ދައުވަތުދެއްވިއެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ކޮޅުމަޑުލުގެ ހަތަރު ގޮނޑި ސަރުކާރަށް ހޯދާދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރިޔާޟް ދެއްވިއެވެ.
ރިޔާޟް އިތުރަށް ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރި ގިނަ ރައީސުންނާއެކު ދަތުރު ކުރެވުނުކަން ފާހަގަކުރައްވައި ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ފުރަތަމަ ދަތުރުފުޅުންވެސް ތަފާތު ފެނިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ތަސައްލީއެއް ހޯދައިދެއްވަން ކަމަށް ވިދާޅުވާ ވިދާޅުވުން އަމަލުން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.