ކަޅުއޮށްފުއްމީގެ ނަކަލު އަލުން މަރާމާތުކުރަން ފަށައިފިއެވެ.
ކަޅުއޮށްފުއްމި އަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް އުތީމު ތިންބެއިން ބެންނެވި އޮޑި ކޮޅެވެ. މި އޮޑިއާ އެއްގޮތަށް ނަކަލުކޮށްފައިވާ އޮޑި މިހާރު ވަނީ މާލެ ގެނެސް ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަހައްދަށް ގެންގޮސްފައެވެ.
ކަޅުއޮށްފުއްމި މީގެ ކުރިން އޮތީ އާރަށުގައެވެ.. މިހާރު ކުރަމުންދަނީ އޮޑީގެ މަރާމާތުގެ މަސައްކަތެވެ. މިމަސައްކަތް ކުރަމުން ގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ ފަރާތުންނެވެ.
ކަޅުއޮށްފުއްމި މާލެ ގެނެސް، މަރާމާތުގެ މަސައްކަތްތަކަށް ފަހު އާންމުންނަށް ޒިޔާރަތްކުރެވޭ ގޮތަށް ހުޅުވާލާނީ ހާއްސަ ރަސްމިއްޔާތަކާއި އެކީގައި ކަމަށާއި ކުރިއަށް އޮތް ތިން ހަފްތާއެއްހައި ދުވަސް ތެރޭގައި މަސައްކަތް ނިންމާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ކަޅުއޮށްފުއްމިއަކީ މީލާދުން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްޠާނު ޢަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ. މިހާރު ކަޅުވަކަރު މިސްކިތް ހުރި މައިދާނަށް ގެނެވެނީ އުތީމު މަހާރަދުން ބެންނެވި އޮޅިކޮޅުގެ ނަކަލެކެވެ.
އުތީމު މަހާރަދުން ނުވަތަ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މަޢުލޫމާތު ލިބޭނެ އިންތިޒާމުތަކާއެކު ގިނަބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުމަށްޓަކައި އެ ވުޒާރާއިން ނިންމީ ކަޅުއޮށްފުންމި ގެނެސް އާންމުންނަށް ދައްކާލަން ދާރުލްއާސާރުގައި ބޭއްވުމަށެވެ.
މި ނަކަލު ބަނދެވުނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައެވެ. ކަޅުއޮށްފުންމީގެ ނަކަލު ބަނދެފައިވަނީ އުތީމު މަހާރަދުންގެ ޤައުމީ ޖިހާދާއި ކަޅުއޮއްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީޚީ މަޢުލޫމާތު، ކަމާ ބެހޭ ފަންނީ ޓީމަކުން ދިރާސާކުރުމަށް ފަހު ލިބުނު ނަތީޖާތަކުގެ މައްޗަށެވެ. ކަޅުއޮށްފުންމީގެ ދިގުމިނުގައި 51 ފޫޓު ހުރެއެވެ. އަލަށް ބަނދެވުނު ނަކަލު މޫދަށް ބާލާފައި ވަނީ 2 ޑިސެންބަރު 2015 ގައެވެ. މިނިވަން ފަންސާހުގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާރަށަށް އެހެލާފައެވެ.