ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލާއި ޓީޗިންގ ހޮސްޕިޓަލް އިމާރާތްކުރުމަށް ޕާކިސްތާނުގެ ހިލޭ އެހީގައި އިމާރާތް ކޮށްދޭން ނިންމައިފިއެވެ.
މިކަމާގުޅިގެން އެމްއެންޔޫއިން ވިދާޅުވީ، މެޑިކަލް ސްކޫލް ޤާއިމުކުރާނީ އެއްފަހަރާ 100 ދަރިވަރުންނަށް ކިޔަވައިދެވޭނެ ޒަމާނީ ވަޞީލަތްތަކާއެކު ކަމަށެވެ. އަދި ޓީޗިންގ ހޮސްޕިޓަލް ތަރައްޤީ ކުރަނީ 300 އެނދުގެ ހޮސްޕިޓަލެއްގޮތަށް، ބަލި މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޒަމާނީ ޓެކްނޮލޮޖީއާއެކުކަމަށެވެ. މި ދެ ތަންވެސް ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. އަދި މި 2 ތަނަށް 5700 އަކަ މީޓަރުގެ ސަރަޙައްދެއް ހުޅުމާލެއިން ހަމަޖެހިފައިވާކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.
ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގިލާނީ ވިދާޅުވީ، މިފަދަ މަސައްކަތްތަކަކީ ޤައުމާއި މުޖުތަމައުގެ ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއްކަމަށެވެ. އަދި ތަޢުލީމީ ޖީލެއް ބިނާކުރުމަށް ރާއްޖެއިން ދޭ އިސްކަން ޕާކިސްތާނުން އަބަދުވެސް ބަލައިގަންނަކަމަށާއި އެފަދަ ކަންކަމުގައި އެހީތެރިވުމުގައި އެ ޤައުމު ދެމިއޮންނާނެކަމަށް ސަފީރު ވިދާޅުވިއެވެ.
"ޕާކިސްތާނުން އަބަދުވެސް ބޭނުންވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމް މިއަށްވުރެ ހަރުދަނާވުން. ޚާއްސަކޮށް ޞިއްޙީ ދާއިރާ ކުރިއަރައިގެން ދިޔުމަކީ އުންމީދެއް. މެޑިކަލް ސުކޫލާއި ޓީޗިން ހޮސްޕިޓަލުން މިކަން ހާސިލް ވެގެން ދާނެކަމަށް އުންމީދު ކުރަން" މުޙައްމަދު ފައްޔާޒު ގިލާނީ ވިދާޅުވިއެވެ.