ސްޓެލްކޯގެ ބޭނުމަށް މީގެ އަހަރުތަކެއް ކުރިން ބަންދުކުރި ހެންވޭރު ދޮންއަދަރާދަ ހިނގުން އަލުން ހުޅުވާލުމުގެ މަސައްކަތުގެ ދަށުން އެ މަގުގެ މަތިން ޕެޑްވޭ ބުރިޖެއް އަޅަން ނިންމައިފިއެވެ.
މިކަމާގުޅިގެން ސްޓެލްކޯއިން ބުނެފައިވަނީ ދޮންއަދަރާދަ ހިނގުން ހުޅުވާލުމުން އެ މަގުގެ ދެ ފަރާތުގައި ސްޓެލްކޯގެ ކޮންޕައުންޑެއް އޮންނާނެ ކަމަށާއި ދެ ކޮންޕައުންޑް ގުޅުވާލުމަށް މަގެއްގެ ދެ ފަރާތުގައި ހުންނަ ދެ ޢިމާރަތް ގުޅުވުމަށް އަޅައި ޕެޑްވޭއެއް އަޅާނެ ކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ޕެޑްވޭގެ މަސައްކަތް ކަމަށާއި ޕްޑްވޭ އަޅާނީ އޭގެ ދަށުން އަލިފާން ނިވާ ލޮރޯއަށް ދެވޭވަރަށް އުސްމިން ބަހައްޓާއިގެންކަމަށް ސްޓެލްކޯއިން ބުންޏެވެ.
މި މަގުއަލުން ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދަނީ ސްޓެލްކޯއިންނެވެ. އެހެންނަމަވެސް، އެ ތަނުގައި ހުރި އިންޖީނުތައް ބެހެއްޓުމަށް އަޅާފައިވާ ކޮންކްރީޓު ޝީޓުތައް ތަޅާލުމަށް އެމްޓީސީސީގެ އެހީތެރިކަން ވަނީ ހޯދާފައެވެ.