ދުވާލަކު 100 ޓަނުގެ މަސް، ދަޅުގައި ބަންދުކުރެވޭ ވަރުގެ ޤާބިލްކަން ހުރި ކާރުޚާނާއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމިންދާކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ރާއްޖޭގެ ގައުމީ ޓީވީގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ވެލިއު އެޑްކޮށްގެން، ނުވަތަ އަގު އެއްކުރި މަހުގެ ބާވަތްތަކަށް ހެދުމުގެ މަސައްކަތް ރާއްޖޭގައި ކުރެވޭނެ ފަދަ ޤާބިލްކަން ޤާއިމްކުރުން ކަމަށެވެ.
"ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭ ވަރުގެ، ކޭނިންގ ފެކްޓަރީއެއް ޤާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރެވެމުން އެބަދޭ، އަދި އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖްތައް ޤާއިމްކުރުމުގެ މަސައްކަތްކުރެވެމުންދަނީ،" މުއްޠަލިބް ވިދާޅުވިއެވެ.
މިދިޔަ މަސްވެރިންގެ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ފެލިވަރު ކާރުޚާނާގެ އިތުރުން 100 މެޓްރިކް ޓަނުގެ ދަޅު މަސް ބަންދުކުރާ ކާރުޚާނާއެއް ހެދުމުގެ މަސައްކަތް ކުރިއަށްގެންދަން ރާވާފައިވާކަމަށް އިއުލާންކުރައްވާފައެވެ.