ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓްތައް ދޫކުރި މީހުންގެ ލިސްޓް ބާތިލެއް ކުރަން ނޫޅޭކަމަށާއި މައްސަލައެއް ނެތް ފްލެޓްތައް ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
"ގެދޮރުވެރިޔާ" ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓު ބާތިލުކުރަން އުޅޭ ވާހަކަތައް ފެތުރެމުންދާތީ މިކަމަށް ރައްދުދެއްވާ ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި ދޮގު ވާހަކަތައް ފަތުރައި އާންމުންގެ އިހުސާސްތަކާ ކުޅުމުން ގާނޫނު އަމިއްލަ އަތަށް ނަގައި ތަންފީޒު ކުރަން މީހަކު އުޅުމަކީ އެކަށީގެންވާ ކަމެއް ކަމެއް ކަމަށެވެ. އޭގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބުން ފަދަ ކަމެއްވެސް ދިމާވެދާނެ ކަމަށެވެ.
ރޭ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެ ފްލެޓްތަކާ ގުޅޭ ގޮތުން އޭސީސީން ކުރި ތަހުގީގަށް ފަހު، ޝަރުތު ހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަނުވާ ފޯމުތަކުގެ ލިސްޓެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލިބިފައިވާ ކަމަށެވެ. އެ ލިސްޓުގައިވާ ފޯމުތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލި ލިސްޓެއް ކަމަށްވާތީ އެ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމުތައް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ބަޔާނުގައި ވެ އެވެ.