ރާއްޖޭގެ ދެވަނަ އިންވެސްޓް ފޯރަމް މިމަހުގެ 13 ވަނަ ދުވަހު ދުބާއީގެ އެންމެ މަޝްހޫރު އެއް ބިނާ "ބުރުޖް އަލް ޢަރަބް"ގައި ފެށޭނެއެވެ.
އިންވެސްޓް މޯލްޑިވްސް ފޯރަމް" ނަމުގައި ބާއްވާ މި ފޯރަމުގައި ރާއްޖެއާއި ބައިނަލްއަޤްވާމީ އިންވެސްޓަރުން ހިމެނޭހެން 300 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ޔޫއޭއީގެ ޝާހީ އާއިލާގެ ވިޔަފާރިތަކާ ގުޅުންހުރި އިންވެސްޓަރުންނާއި ވިޔަފާރިވެރިންވެސް ހިމެނެއެވެ.
އިންވެސްޓް މޯލްޑިވްސް ފޯރަމް" އަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓާ ވިޔަފާރީގެ ފުރުޞަތުތައް ބޭރުގެ އިންވެސްޓަރުންނާއި ހަމައަށް ގެންގޮސްދޭ އެންމެ މުހިންމު އެއް ޕްލެޓު ފޯމެވެ. "އިންވެސްޓް މޯލްޑިވްސް"ގެ ފުރަތަމަ ފޯރަމް ވަނީ މިދިޔަ މަހު ޗައިނާގެ ފޫޖިއާން ޕްރޮވިންސްގައި ބާއްވާފައެވެ.
އިންވެސްޓް ފޯރަމް ބޭއްވުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅަކީ އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. އެމަނިކުފާނުގެ ވަޒީރުކަމުގައި މީގެ ކުރިންވެސް މިފަދަ އެތައް ފޯރަމެއް ބާއްވާ ރާއްޖެއަށް އިންވެސްޓަރުންގެ ޝަޢުޤުވެރިކަން ވަނީ ހޯދާދެއްވާފައެވެ.