މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެމްޑީޕީން އެންމެ ބޮޑަށް ކަންބޮޑުވެގެން އަޑުއުފުލައި ކޮޅުކޮޅަށް ދުވީ ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމުންނެވެ. މިއަދު މިފެނުނީ އެމްޑީޕީން އައު ގޮތަކަށް ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގިތަނެވެ. ދެގޮތުގައިވެސް ކުރީ އެއް ކަމެކެވެ. ސްޕްރީމް ކޯޓުގެ ޙުކުމް ބަލައިނުގަތީއެވެ. ތިމާމެންގެ މައްޗަށް ސްޕްރީމް ކޯޓުގެ ބާރެއް ނުހިންގޭނެ ކަމަށާއި ތިމާމެން މިތިބީ ސްޕްރީމް ކޯޓަށްވުރެ މާމަތީގައިކަން ދައްކައިލީއެވެ.
ސްޕްރީމް ކޯޓުގެ މައްޗަށް އެރުމަކީ އެއްވެސް ނިޒާމެއްގައި އޮންނަ ކަމެއް ނޫނެވެ. ސްޕްރީމްކޯޓަށްވުރެ މައްޗަށް އަރަންވެއްޖެނަމަ އެތަނެއްގައި އޮންނާނީ ޢަދުލުވެރި ވެރިކަމެއް ނޫނެވެ. ބާރުގަދަ ބައެއްގެ ގޮށްމުށުބާރުން ކުރާ ވެރިކަމެކެވެ.
މިއަދު އެމްޑީޕީއަކަށް ސްޕްރީމް ކޯޓުގެ އަޞްލު ފުރާޅުން ޓިނެއް ނުނެގޭނެއެވެ. އެއީ ވެރިކަމުގެ ބާރުތައް ނެތުމުންނެވެ. ފުލުހުންނާއި ސިފައިންގެ މައްޗަށް ބާރު ނުހިންގޭނެތީއެވެ.
ރޭވުންތައް ރޭވެމުން އަންނަނީ ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އިމްރާން ޚާން ބޭރުކޮށްލި ގޮތަށް ރާއްޖޭގެ ވެރިކަން ބަދަލުކޮށްލާށެވެ! އެކަން ރާވާ މީހުންނަށް ނުވިސްނުނު ކަމަކީ ޕާކިސްތާނުގައި ޖެއްސި ގޭމް ކާމިޔާބުނުވިކަމެވެ. ރައްޔިތުން ތިބީ އިމްރާން ޚާން ޢާއިއެކުގައިކަމެވެ.
70 މިލިއަން ޑޮލަރުގެ ބަދަލުގައި 70 ބިލިއަން ޑޮލަރު ޚަރަދުކުރިޔަސް ތަޤްދީރު ބަދަލުނުކުރެވޭނެކަން ޕާކިސްތާނުގައި ގޭމް ޖެއްސުވި ބައަކަށް އަދިވެސް ނުވިސްނޭކަން އެއީ އެމީހުންގެ ޚުދުމުޚުތާރުކަން ބޮޑުކަމުގެ ހެއްކެކެވެ.
ދެން އޮތީ މަޖިލިހުން މިއަދު ނިންމި ނިންމުމެވެ. ސްޕްރީމް ކޯޓުގެ އަމުރަށް ޢަމަލުނުކުރަން ނިންމި ނިންމުމެވެ. ސްޕްރީމް ކޯޓުގެ އަމުރަށް ޢަމަލުނުކުރުމުގެ ބާރު މަޖިލީހަށް ލިބިފައިވާނަމަ މަޖިލީހުން ނިންމާ، ފާސްކުރާ ކަންކަން ބަލައިނުގަތުމުގެ ބާރު މާބޮޑަށް ސަރުކާރަށް ލިބިގެންވެއެވެ. ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރަނީ ހުރިހާ ރައްޔިތުންގެ މާމަތީ އަޣްލަބިއްޔަތަކުން ކަމަށްވާތީއެވެ.
ވީމާ މަޖިލީހުގެ މިއަދުގެ ނިންމުމާއި ގުޅިގެން ސަރުކާރުގެ ބާރު މާބޮޑަށް ގަދަވެގެން ދިއައީއެވެ. ޑިމޮކްރަސީ އެވެ ކިޔައިގެން އަޑުގަދަކުރަމުން ޑިމޮކްރަ އާއީ ފަހަތަށް އިންނަ ސީ ވަކިކޮށް ހަމައެކަނި ސީ އަށް ޢަމަލުކުރީމާ ދުވާނީ މީރުވަހެއް ނޫނެވެ. އެބައެއްގެ ތެރޭގައި ނުބައި ބަލިތައްވެސް ފެތުރޭނެއެވެ.