މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީން އިންތިޒާމްކޮށްގެން ކޮންމެ 2 އަހަރުން އެއް އަހަރު ބާއްވާ "ނެޝަނަލް ތެލެސީމިއާ ކޮންފަރެންސް" ފަށައިފިއެވެ.
މިއަހަރުގެ ކޮންފަރެންސާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޕްރޮގްރާމް ޑައިރެކްޓަރ އީމާން މުޙައްމަދު ވިދާޅުވީ ކޮންފަރެންސް ކުރިއަށްދާނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ބައި ކުރިއަށް ދާނީ 2 ދުވަހުގެ މުއްދަތަކަށް ކަމަށާއި، ކޮންފަރެންސްގެ މި ބައިގައި ބައިވެރިވާނީ ޑޮކްޓަރުންނާއި، ކްލިނިކުގައި މަސައްކަތްކުރާ ފަރާތްތަކާއި ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތައް ކަމަށެވެ. އަދި މި ބައިގައި ތެލެސީމިއާގެ ދާއިރާއަށް އަންނަ ކުރިއެރުންތަކާއި، ފަރުވާ ދިނުމަށް އަންނަ ޒަމާނީ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"މި ކޮންފަރެންސްގެ ފުރަތަމަ ބައިގައި ތެލެސީމިއަށް ދެވޭ ފަރުވާގެ އެންމެ ފަހުގެ ކުރިއެރުންތަކާއި، އެ ކުދިންނަށް ފަރުވާ ދެވޭނެ ޒަމާނީ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެވޭނެ." އީމާން ވިދާޅުވިއެވެ.
މި ކޮންފަރެންސްގެ ދެވަނަ ބައި ކުރިއަށްދާނީ މިމަހުގެ 15އިން 17އަށެވެ. މިބައިގައި ބައިވެރިވާނީ ތެލެސީމިއާ ކުދިންގެ ބެލެނިވެރިންނެވެ. އެގޮތުން ތެލެސީމިއާ ހުންނަ ކުދިންނަށް އަމިއްލައަށް ދެވިދާނެ ފަރުވާތަކާ ގުޅޭ މަޢުލޫމާތު އެފަރާތްތަކަށް ދެވޭނެ ކަމަށް އީމާން ވިދާޅުވިއެވެ. އަދި މިބައިގައި 100އަށްވުރެ ގިނަ ބެލެނިވެރިން ބައިވެރިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނެޝަނަލް ތެލެސީމިއާ ކޮންފަރެންސަކީ ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާތަކާއި، އެ ކުދިންނަށް ދެވޭ ފަރުވާތަކަށް އަންނަ ޒަމާނީ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ތެލެސީމިއާ ހުންނަ ކުދިންގެ ބެލެނިވެރިންނަށް، މި ބައްޔާ ގުޅޭގޮތުން އަހުލުވެރިކުރުވުމުގެ މަޤްސަދުގައި ބާއްވާ ކޮންފަރެންސެކެވެ.