މަގުމަތީގެ ޓްރެފިކުގެ ކަންކަން ހަރުދަނާ ކުރުމަށް އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްދާ ވޯލްޑް ގަވަމެންޓް ސަމިޓުގައި މިއަދު ދެއްވި ތަގުރީރެއްގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އަމާޒަކީ ރާއްޖޭގެ އިދާރީ ހިންގުމުގައާއި އެހެނިހެން ކަންކަމުގައި ވެސް ޒަމާނީ ޓެކްނޮލޮޖީ ބޭނުން ހިފުން ކަމަށެވެ.
ރައީސްގެ ވާހަކައިގައި ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުގައި ކަރުދާސް މަދުކުރުމަށާއި ވަން-ސްޓޮޕް-ޝޮޕް އަށް ނުވަތަ ކައުންޓަރުގެ ހިދުމަތްތަކަށް އެއް ކައުންޓަރަކުން ހައްލު ހޯދުމަށް ރިޔާސީ މެނިފެސްޓޯގައި ބަޔާންކޮށްފައިވާނެ ކަމަށާއި އަދި ފުޅާ ދާއިރާއެއްގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ހިފައި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ހިމެނިފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އީ-ކޮމާސް، އޮޓޮމޭޝަން، ބްލޮކްޗެއިން އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ރާއްޖެ ކުރިއެރުވުމަށް ކުރިއަށް އޮތް ފަސް އަހަރު ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށާއި ސަރުކާރުގެ މަސައްކަތުގެ ތެރޭގައި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ ސަބަބުން ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ޑިމޮކްރެޓިކް މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެ މުޖުތަމައުގެ ތެރޭގައި ޒިންމާދާރު ކުރުވުމުގެ ސަގާފަތެއް އުފެދޭނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ހަމައެކަނި ޓޫރިޒަމް އިންޑަސްޓްރީގެ މައްޗަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމަށެވެ. އިގުތިސާދު އެހެން ދާއިރާތަކަށް ޑައިވާސިފައި ކުރުމުގެ ގޮތުން ޓްރާންޝިޕްމެންޓު ބަނދަރެއްގެ މަސައްކަތުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ބިނާވެފައިވަނީ އީޖާދީ ވިސްނުންތަކުގެ މައްޗަށްކަމަށާއި އީޖާދީ ވިސްނުންތަކުގެ އަލީގައި ސްޓްރެޖެޓިކް އިންފްރާސްޓްރަކްޗާ ޑިވެލޮޕްކުރުމަކީ މައިގަނޑު މަސައްކަތްކަމަށެވެ. އެކި ހިސާބުތަކުގައި އާބަން ސެންޓަރުންތައް ގާއިމުކުރުމަށް ވަނީ ނިންމާފައިކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުންވެސް ރައީސް ވިދާޅުވީ އާބަން ސެންޓަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނީ މާލެ ކައިރިން ރަސްމާލެ ކަމަށާއި އިގުތިސާދީ ގޮތުން ރާއްޖެ ބަދަލުކޮށްލާނެ ފަދަ މަޝްރޫއުތަކަށް ޔޫއޭއީ ކަހަލަ ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެހެނީ މި ޒަމާނުގައި އެފިޝެންސީ އިތުރުކުރުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފަން ޖެހޭނެކަން ހާމަކުރައްވައި އެފަދަ ޒަމާނީޓެކްނޮލޮޖީތަކުގެ އެހީގައި ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވައި، އިންވެސްޓަރުން ގަޔާވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަކީ އެމަނިކުފާނުގެ އަމާޒުކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެެވެ.