ކުރީ ސަރުކާރުން ތަރައްޤީއަށް ހިންގަމުންއައި ގިނަ މަޝްރޫޢުތައް، އެމްޑީޕީ ސަރުކާރު ބަދަލުވުމުގެ ކުރިން އޮތީ ހުއްޓިފައި ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ތ. ވިލުފުށީ ދާއިރާގެ ކެމްޕެއިން ހަރަކާތެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ "ރައްޔިތުންނަށް ހެވެއް އެދިގެން ކުރީ ސަރުކާރުން ފެށި މަޝްރޫއެއްނެތް، އެމީހުން މަސައްކަތް ފެށްޓެވީ ރައްޓެއްސަކަށް މާލީ މަންފާއެއް ހޯދައިދޭން. އެކަން ހާސިލުވުމުން މަސައްކަތްތައް ހުއްޓެނީ އެހެން ނޫނީ ސްޕީޑް ދަށްވަނީ. އަނެއްކާވެސް އެ މަސައްކަތް އެހެން މީހަކަށް އެމަސައްކަތް ހަވާލުކުރަނީ. އެއީ މަސައްކަތް ކުރިއަށްގެންދެވި ގޮތަކީ. އެކަން ރައްޔިތުންނަށް ފެންނާނެ. މިހާރު އެހެން ވީމަ މިފަހަރު އަޖުމަބެލުމަށް މިސަރުކާރަށް މަޖިލިސް މެޖޯރިޓީ މުހިންމު" ކަމަށެވެ.
މީގެއިތުރުން މިޖަލްސާގައި ވާހަކަ ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، "ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ކުރިކަންތައް ދިވެހި ރާއްޖޭގެ ބައިތުލްމާލުން ފެންނަން އެބައޮތް. ދިވެހި ރައްޔިތުން ދަރުވާލީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ މިމީހުން (އިދިކޮޅު ފަރާތްތައް) ވަތްގަނޑުން ފައިސާ ނަގައިގެން. ވަތްގަނޑާއި ހަވާލުވެ ތިބި ބަޔަކު އަދަދުތަކުގެ ވާހަކަ ފައިސާގެ ވާހަކަ މިއަދު ދެއްކެވީމަ ރައްޔިތުންނަށް މިއަދު އެވާހަކަ ދިމައެއް ނުވޭ." ކަމަށެވެ.