ބައިވެރިޔާ ދައްކާ ވާހަކަ މުހިންމު ނޫންކަމަށް ބަލައި އަޑުނުއެހުމަކީ މާބޮޑު ދެރައެއް ލިބިދާނެ ކަމެއް! ސުންނަތުގަ އޮތީ އަޑުއެހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ބައިވެރިޔާ ދައްކާ ވާހަކަ މުހިންމު ނޫންކަމަށް ބަލައި އަޑުނުއެހުމަކީ މާބޮޑު ދެރައެއް ލިބިދާނެ ކަމެއް! ސުންނަތުގަ އޮތީ އަޑުއެހުން!

ބައެއް ފަހަރު ދެމަފިރިންގެ މެދުގައިވެސް އަނެކާ ޝައުޤުވެރި ނުވާ ޒާތުގެ ވާހކަތައް ދެއްކެއެވެ. އެކަކު ކަންބޮޑުވާ ކަންކަން އަނެކާއަށް ކިޔައިދެއެވެ. އެއީ ތިމާއަށް މުހިންމު ވާހަކަތަކެއް ނޫންކަމުގައިވީނަމަވެސް އަޑުއަހާށެވެ! އަޑު ނުއަހާނަމަ މުހިންމު ވާހަކަވެސް އޮންނާނީ ހިއްޞާ ނުކޮށްފައެވެ. އެއިގެ އިތުރުން އަޑުއަހާނެ ކޮންމެވެސް މީހަކަށް ޙިއްޞާވެސް ކުރާނެއެވެ. އެއިރުން ތިބާއަށް ލިބޭނެ ދެރައާއި ގެއްލުން މާބޮޑުވާނެއެވެ!

ބައެއް ފަހަރު ބައެއް މީހުން ތިބާ ގާތުގައި ދައްކާ ވާހަކަތަކުގައި ތިބާއަށް މުހިންމު ކަމެއް ނެތިދާނެއެވެ. އަދި އެވާހަކައަކު ތިބާއަށް ކުރާނެ ފައިދާއެއް، އަދި ލިބޭނެ ގެއްލުމެއްވެސް ނެތި ހިނގައިދާނެއެވެ. ނަމަވެސް ހަމަ ޝައުޤުވެރިކަމާއިއެކު އަޑުއަހާށެވެ!

އެހެނީ އެމީހަކު އެވާހަކައެއް ދައްކާނީ އެމީހަކަށް ވަރަށް މުހިންމު ކަމެއް ކަމަށްވުމުންނެވެ. އެމީހާގެ އިޙްޞާޞްތައް އެކަމަކާއި ވަރަށް ބޮޑަށް ގުޅިފައިވާތީއެވެ. އެމީހަކަށް އެކަމުން އަސަރުތަކެއް ކުރާތީއެވެ.

މުސްލިމުން އަޑު އެހުން ހުއްދަ ނޫން ޒާތުގެ ވާހަކަ ދައްކާނަމަ އެކަން ހާމަކުރާށެވެ! މިސާލަކަށް މީހުންގެ ނުބައި ވާހަކަތަކާއި ފިތުނަ ފަސާދަ އުފެދޭ ޒާތުގެ ވާހަކަތައް އަޑުނުއަހާށެވެ! އަދި އަޑު ނުއަހަނީ ކީއްވެގެންކަންވެސް އެމީހަކަށް ރީތިކޮށް ބުނެދޭށެވެ! އެއިރުން އެކަން ތަކުރާރުކުރުން މަދުވާނެއެވެ.

މިބާވަތުގެ ކަންކަމުގައި ނަމޫނާއަކަށް ބަލަންވީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހުގައި މުޝްރިކުން އައިސް ދެއްކި ވާހަކަތައް ޝައުޤުވެރިކަމާއިއެކު އަޑު އެއްސެވިއެވެ. ޖަވާބު ދެއްވަމުން ގެންދެވީ އެމީހުން ވާހަކަ ދައްކައި ނިމުމުންނެވެ.

ހަމައެއާއިއެކު އަނބިއަނބިކަނބަލުން ދެއްކެވި ވާހަކަފުޅުތައްވެސް ޝައުޤުވެރިކަމާއިއެކު އަޑުއެއްސެވިއެވެ. ވީމާ އަހަރެމެންނަށްވެސް އޮތީ މީހުން ދައްކާ ވާހަކަ ހަމަ ޝައުޤުވެރިކަމާއިއެކު އަޑުއެހުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން