ހޮހޮޅައިގަ ތާށިވެ ނުނުކުމެވުނު 3 މީހުންގެ ވާހަކަ- ޙަދީޘުން! ލިބިގަންނަން ޖެހޭ ފިލާވަޅުތައް ވަރަށް ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 10ސ
ހޮހޮޅައިގަ ތާށިވެ ނުނުކުމެވުނު 3 މީހުންގެ ވާހަކަ- ޙަދީޘުން! ލިބިގަންނަން ޖެހޭ ފިލާވަޅުތައް ވަރަށް ގިނަ!

އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާ ކުރެއްވިޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.

"ތިޔަބައިމީހުންގެ ކުރީގައި އުޅުނު ތިންމީހަކު ދަތުރުކުރަމުން ދިޔައެވެ. ދެން އެމީހުން ރޭގަނޑު ވޭތިކުރުމަށްޓަކައި ހޮހޮޅައަކަށްވަނެވެ. ދެންފަހެ ފަރުބަދައިގެ މަތިން ވެއްޓުނު ހިލައެއްގެ ސަބަބުން ހޮހޮޅައިގެ ދޮރު ބަންދުވެއްޖެއެވެ. 

އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ކޮންމެ މީހަކުވެސް އެމީހަކު ކޮށްފައިވާ ޞާލިޙްޢަމަލުތައް މެދުވެރިކޮށް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދަންނަވައިގެން މެނުވީ މިކަމުން އަހަރެމެން ނަޖާއެއް ނުވާނެއެވެ.  

އެމީހުންގެ ތެރެއިން އެކަކު ބުންޏެވެ. "އޭ ﷲއެވެ.  އަހަރެންގެ މަންމައާއި ބައްޕަ މުސްކުޅިވެފައިވާ ދެމީހުން ކަމުގައިވިއެވެ. އަހަރެން ދުވަހަކުވެސް އަހަރެންގެ އަހުލުންނަށް އެއްވެސް އެއްޗެއް ބުއިމަށް އެދެމީހުންނަށް ދިނުމަށްފަހުގައި މެނުވީ ނުދެމެވެ. އެއްދުވަހަކު އަހަރެންގެ ނަޢަމްސޫފިތައް ހުއިހެއްޕުމުގެ ތެރޭގައި އެއްޗެއް ހޯދަންވެގެން ވަރަށް ދުރަށް ދާންޖެހުނެވެ. އަހަރެން އެނބުރި އާދެވުނުއިރު މައިންބަފައިން ވަނީ ނިދާފައެވެ. މައިންބަފައިންނަށް ރޭގަނޑުގެ ބުއިމުގެ ގޮތުގައި ދިނުމަށްޓަކައި ކަންބަޅިން ކިރުފެލީމެވެ. އެހިނދު އެމީހުންނަށްވުރެ ކުރިން އަހަރެންގެ އަހުލުން އެކިރު ބުއިމަށް ހިތްހަމައެއްނުޖެހުނެވެ. އެމީހުންގެ ގާތުގައި އެމީހުން ހޭލާނެ ވަގުތަކަށް އިންތިޒާރުކުރުމުގައި ކިރުއަޅާފައިވާ ކަދާ ހިފައިގެން ހުރީމެވެ. އެދެމީހުންނަށް ހޭލައްވާލުމަށް ހިތްހަމައެއްނުޖެހުނެވެ. އަހަރެންގެ ދަރީންތައް ބަނޑުހައިވެގެން އަހަރެންގެ ފައިބުޑުގައި ރޮމުން ދިޔައެވެ. ފަތިސްވަންދެނެވެ. އެންމެފަހުން އެދެމީހުން ހޭލައިފިއެވެ. އެއަށްފަހު އަހަރެން އެދެމީހުންނަށް އެކިރުގެ ކަންވާރުން ބުއެވެ. އޭ ﷲ! އަހަރެންނަށް މިކަން ކުރެވިފައިވަނީ އިބަ އިލާހުގެ ވަޖުހުފުޅު އަދައިގެން ކަމުގައި ވާނަމަ އަހަރެމެންނަށް ޖެހިފައިވާ މިވާ ހާލުން ސަލާމަތް ކުރައްވާންދޭވެ!" އެޔަށްފަހު އެހިލަ ކުޑަކޮށް ފެޔަށް ޖެހިލިއެވެ. ނަމަވެސް މީހަކަށް ނުކުމެވޭ ވަރެއް ނުވިއެވެ. 

އަނެކަކު ބުންޏެވެ. އޭ ﷲ އެވެ. ތިމަންނާގެ ބޮޑުބޭގެ އަންހެން ކުއްޖަކު ހުރެއެވެ. އެ ކުއްޖާވީ މީސްތަކުންގެ ތެރެއިން ތިމަންނާ އެންމެ ލޯބިވާމީހާކަމުގައެވެ. (ފިރިހެނުން އަންހެނުންދެކެ ލޯބިވާ އެންމެ ބޮޑަށް އަހަރެން އޭނާދެކެ ލޯބިވީމެވެ) އަހަރެން އޭނާގެ ނަފްސުން ޖާގައަކަށް ޤަޞްދުކުރީމެވެ. އަދި އޭނާ އަހަރެންގެ ކިބައިން މަނާވިއެވެ. އެހެންގޮސް އެއްއަހަރަކު އޭނާ ތަދުމަޑުކަމުގައި ޖެހިގެން އަހަރެންގެ ގާތަށް އަތުވައްޖެއެވެ. އަހަރެން އޭނާއަށް ސަތޭކަ ވިހި ދީނާރު ދިނީމެވެ. އެއީ އަހަރެންނާ އޭނާގެ ނަފްސާ ދެމެދު ހުރަސް ނޭޅުމުގެ މައްޗަށެވެ. އަދި އޭނާ އެއްބަސްވެއްޖެއެވެ. އަދި އަހަރެން އޭނާއާއި ގާތްވެ، އެހެން ރިވާޔަތެއްގައި ވަނީ: (އަހަރެން އޭނާގެ ކުރިމަތީގައި އިށީނުމުން).  އޭނާ ބުންޏެވެ. ﷲއަށް ބިރުވެތިވާށެވެ. އޭގެ ހައްގުއަދާނުކޮށް ސިއްކަ ނުކަނޑާށެވެ. (ރަން އަދާނުކޮށް ކައިރިނުވާށެވެ). ފަހެ އަހަރެން އޭނާގެ ކިބައިން ދުރަށް ދިޔައީމެވެ. އެކަމަކު އެއީ އަހަރެން އެންމެ ލޯބިވާ އިންސާނާއެވެ. އަދި މިއަޅާ އޭނާއަށް ދިން ރަންތައްވެސް އޭނާއަށް ދިނީއެވެ. އޭ ﷲއެވެ. މިއަޅާ މިކަންތައް ކުރީ އިބައިލާހުގެ ވަޖުހަފުޅުއަދައިގެން ކަމުގައިވާނަމަ އަހަރެމެން ޖެހިފައިމިވާ ޙާލުން ސަލާމަތްކުރައްވާންދޭވެ.  ފަހެ ހިލަ ތަންކޮޅެއް ދުރުވެއްޖެއެވެ. އެކަމަކު ނުކުމެވޭވަރެއް ނުވެއެވެ. 

ތިންވަނަ މީހާބުންޏެވެ. އޭ ﷲއެވެ. އަހަރެން ކުއްޔަށް މަސައްކަތު މީހުންތަކެއް ގެނައީމެވެ. އަދި އެކަކުފިޔަވައި އެންމެންގެ މުސާރަ އެމީހުންނަށް ދިނީމެވެ. އޭނާގެ މުސާރަ ބަހައްޓައިފައި އޭނާ ދިޔައީއެވެ. މިއަޅާ އޭނާގެ މުސާރައިން ފައިދާ އިތުރުކުރީމެވެ. އެދިޔަގޮތަށްގޮސް އޭނާގެ މުދާތައް ގިނަވެއްޖެއެވެ. އެތައްޒަމާނެއްފަހުން  އޭނާ އަހަރެންގެ ގާތަށް އަތުވައްޖެއެވެ. އަދިބުންޏެވެ. އޭ ﷲގެ އަޅާއެވެ. އަހަރެންގެ މުސާރަ ދޭށެވެ. އަހަރެން ބުނީމެވެ. ތިބާއަށް  ފެންނަންމިހިރަ  ހުރިހާ ޖަމަލުތަކާއި ގެރިތަކާއި ބަކަރިތަކާއި އަޅުންނަކީ ތިބާގެ މުސާރައިގެ ތެރެއިން ވާ ތަކެއްޗެވެ.(އުޖޫރައެވެ) އޭނާބުންޏެވެ. މަލާމާތްނުކުރާށެވެ. އަހަރެން ބުނީމެވެ. އަހަރެން މަލާމާތެއް ނުކުރަމެވެ. ފަހެ އޭނާ އެހުރިހާ އެއްޗިހި ހިފައިގެން ހިގައްޖެއެވެ. އެއިން އެއްވެސް އެއްޗެއް ދޫނުކުރެއެވެ. އޭ ﷲއެވެ. މިއަޅާ މިކަންކުރީ އިބަﷲ ގެ ވަޖުހަފުޅު އަދައިގެން ކަމުގައިވާނަމަ އަހަރެމެންނަށް ޖެހިފައިވާ ޙާލުން ސަލާމަތް ކުރައްވާންދޭވެ. ފަހެ ހިލަ އެއްކައިރި ވެއްޖެއެވެ. ދެން އެބައިމީހުން ނުކުމެގެން  ގޮއްސިއެވެ." 

މަންމަގެ މާތްކަން: 

މިފަދަ ވާހަކަތައް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންނަށް ވިދާޅުވެދެއްވުމުގެ ޙިކުމަތަކީ އިސްލާމްދީނުގައި މައިންބަފައިންނަށް ދޭ ދަރަޖަ ބަޔާންކޮށްދީ އެފަދަ އަމަލުތަކަށް މީހުންނަށް ހިތްވަރު ދިނުމެވެ. މިކަމުން  މަންމައަށާއި ބައްޕައަށް އޯގާތެރިވުމުގެ މުހިންމުކަމާއި މާތްކަން އަހަރެމެންނަށް އެނގިގެން އެބަދެއެވެ. މަތީގައި އެވާ ހަދީޘްގައި ބަޔާން ކުރެވިފައި އެވަނީ މިމައުޟޫއާއި ގުޅޭ ތަންކޮޅެވެ. ކީރިތި ޤުރުއާނުގައިވެސް މައިންބަފައިންނަށް އޯގާތެރިވުމަށާއި އިޙްތިރާމް ކުރުމަށް އަމުރުފުޅު އައިސްފައިވާއިރު، މަންމައަށް ޚާއްޞަކޮށް އޯގާތެރިވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަމުރުކުރައްވައެވެ. އަދި މި އަމުރުފުޅު އައިސްފައިވަނީ މުޅި އިންސާނިއްޔަތަށެވެ. 

ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. "وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ (لقمان 14)  

މާނައީ: "އަދި އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންއިލާހު އޭނާއަށް ވަސިއްޔަތް ކުރެއްވީމެވެ. އޭނާގެ މަންމަ އޭނާއައިގެން ބަލިވެއިނީ ބަލިކަށިކަމުގެ މައްޗަށް ބަލިކަށިކަމާއި އުނދަގޫ އުފުލާ ޙާލުގައެވެ. އަދި(މަންމަގެ ގާތުން)ކިރުބުއިން ހުއްޓާލުން ވަނީ ދެއަހަރުގެ ތެރޭގައެވެ. ތިމަން އިލާހަށށް ޝުކުރު އަދާކުރާހުށިކަމެވެ. އަދި ތިބާގެ މައިންބަފައިންނަށްވެސް މެއެވެ.  އަދި ތިޔަބައިމީހުން އެނބުރި އައުންވަނީ ހަމަ ތިމަން އިލާހުގެ ޙަޟްރަތަށެވެ." 

އެއްދުވަހަކު މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ.
يَا رَسُولَ اللَّهِ ! أَيُّ النَّاسِ أَحَقُّ مِنِّي بِحُسْنِ الصُّحْبَةِ ؟ قَالَ : ” أُمُّكَ ” . قَالَ : ثُمَّ مَنْ ؟ قَالَ : ” ثُمَّ أُمُّكَ  قَالَ : ثُمَّ مَنْ ؟ قَالَ : ” ثُمَّ أُمُّكَ ” . قَالَ : ثُمَّ مَنْ ؟ قَالَ : ” ثُمَّ أَبَاكَ ” . (رواه مسلم)

މާނައީ: "އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުގެ އެމީހެއްގެ މައްޗަށް އޯގާތެރިވުމާއި އަޅާލުންދިނުން އެންމެ އަޢުލާކަން ބޮޑުވެގެންވަނީ ކާކުގެ މައްޗަށްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "ތިބާގެ މަންމައެވެ." އަނެއްކާވެސް އޭނާ ސުވާލުކުރިއެވެ. "ދެންކާކުހެއްޔެވެ؟" ޙަދީޘްކުރެއްވިއެވެ. "ދެންވެސް ތިބާގެ މަންމައެވެ." އަނެއްކާވެސް އޭނާ ސުވާލުކުރިއެވެ. "ދެންކާކުގެމައްޗަށް ތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ދެންވެސް ތިބާގެ މަންމައެވެ." ސުވާލު ތަކުރާރު ކުރުމުން ޙަދީޘްކުރެއްވިއެވެ. "ތިބާގެ ބައްޕައެވެ."  

- އައްޝައިޚް ޢަބްދުއްރަޙީމް ބިން މުޙައްމަދު

 

މިއަދު އޮންލައިން