މިއީ ޤިޔާމަތް ދުވަހު މަރުވެފައިވާ ދަރިންނާއިއެކުގައި ވުމަށް އެދޭ މައިންބަފައިންނަށް ޚާއްޞަ ވާހަކައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
މިއީ ޤިޔާމަތް ދުވަހު މަރުވެފައިވާ ދަރިންނާއިއެކުގައި ވުމަށް އެދޭ މައިންބަފައިންނަށް ޚާއްޞަ ވާހަކައެއް!

ދެމަފިރިން ލޯބިން ދައްކާ ވާހަކަތަކުގައި ދެމީހުން ޤިޔާމަތް ދުވަހު ބައްދަލުވެ އެކުގައި ސުވަރުގެ ވަންނަން އެޑޭކަމުގެ ވާހަކަތަކާއި މަރުވެފައިވާ ދަރިންނާއިއެކު ސުވަރުގޭގައިވުމަށް އެދޭކަމުގެ ވާހަކަތައް ދައްކަމުއެވެ. ސުވާލަކީ ސުވަރުގެ ވަނުމަށް ކުރަންޖެހޭ މަސައްކަތްތައް އެބަ ކުރެވޭހެއްޔެވެ؟ ނުކުރެވޭނަމަ ދެމަފިރިން ސުވަރުގެއިން ބައްދަލުކުރާނީ ކިހިނަކުން ހެއްޔެވެ؟ އަދި ލޯބިވާ ދަރިންނާއިވެސް ސުވަރުގެއިން ބައްދަލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ތިރީގައިވާ ވާހަކައަކީ ސުވަރުގެ އެދޭ ކޮންމެ ދެމަފިރިއަކަށްވެސް ވަރަށް މުހިންމު އަދި އެހައިމެ ޢިބްރަތްތެރި ވާހަކައެކެވެ. ވިދާޅުވެލައްވާށެވެ! 

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ލޯބިން އެކުގައި ދިރިއުޅޭ ކޮންމެ ދެމަފިރިއަކުވެސް ދަރިއަކު ބޭނުންވާނެއެވެ. ހަމަގައިމުވެސް ކައިވެނި ކުރީންސުރެ އަޅުގަނޑުމެން ދެމަފިރިން ދަރިއަކަށް ބޭނުންވިއެވެ. އެކަމަށް މަސައްކަތްވެސްކުރީމެވެ. ނުކުރާ މަސައްކަތެއް ނުއޮންނާނެކަމަށް ބުނެވޭ ވަރަށް މަސައްކަތްކުރީމެވެ. 

ކައިވެންޏަށް 4 ވަނަ އަހަރު އަޅުގަނޑު ބަލިވެއިނެވެ. ބަލިވެ އިނުމާއިއެކު ދަރިފުޅަށް މަރުޙަބާކިޔަން ތައްޔާރުވީމެވެ. އަޅުގަނޑުމެންނަށް ވެވުނު އެންމެ ފުރިހަމައަކަށެވެ. ދުވަސްފުރެމުން އައިއިރު ދަރިފުޅު ދެކޭހިތުން ތިބީ ކެތްމަދުވެފައެވެ. 

ވިހަން ހޮސްޕިޓަލަށް ދިއައީވެސް އުފާވެރިކަމުން ފުރިގެން ތިބެއެވެ. ވިހެއުމުގައި މައްސަލަތަކެއް ކުރިމަތިވެގެން ޖެހުނީ ސިޒޭރިއަންހަދާށެވެ. ހޭއެރިއިރު ކައިރީގައި އިނދެގެން ފިރިމީހާ ރޮނީއެވެ. ދަރިފުޅެދެކޭހިތުން ދަރިފުޅު ގެނެސްދޭން އެދުމުން ބުނީ ދަރިފުޅު ސަލާމަތްނުކުރެވި މަރުވީ ކަމަށެވެ. ދެން ވީގޮތް ކިޔައިދޭންވެސް ނޭނގެއެވެ. 

އެއަށްފަހު އަހަރުވީއިރުވެސް ދެމަފިރިންނަށްވެސް ތިބެވެނީ ކަރުއެލިފައެވެ. ރޮވިފައެވެ. ހިތާމައިގައެވެ. އެ ހިތާމަތަކުން ސަލާމަތްވޭތޯ ބަލަން އަވަށްޓެރި ވަރަށް ފަޤީރު އަންހެނަކު ވިހެއުމުން އޭނާ އާއި ދަރިފުޅު (ދެމައިން) ގެއަށް ގެނައިމެވެ. އޭނާގެ ފިރިމީހާވެސް ވަނީ ނިޔާވެފައެވެ. ވީމާ އެއީ އަޅައިލާނެ އެއްވެސް މީހަކު ނެތް އެކަނިވެރި ދެމައިންނެވެ.  

އެހިސާބުން ކޮންމެވެސްވަރަކަށް ހިތްހަމަޖެހުން ލިބެން ފަށައިފިއެވެ. އެދެމައިން ބަލަހައްޓަމުން ގެންދާތާ އަހަރުވެސް ނުވަނީސް އަޅުގަނޑު ބަލިވެއިނދެއްޖެއެވެ. އެފަހަރު ލިބުނީ ލޯބިލޯބި އަންހެން ކުއްޖެކެވެ. 

އެހެނަސް ގެންގުޅެން ނުލިބުނު ދަރިފުޅުގެމަތިން ހަނދާން ނައްތައެއް ނުލެވުނެވެ. ދެކުދިން ގޮވައިގެން ކުޅެންއުޅޭއިރުވެސް އެދަރިފުޅުމަތިން ވަރަށް ބޮޑަށް ހަނދާންވެއެވެ. 

އެއީ ހޮނިހިރު ދުވަހެކެވެ. ދެކުދިން ގޮވައިގެން އަޅުގަނޑުމެން އުޅުނީ ގޮނޑުދޮށުގައެވެ. އާދައިގެމަތިން މަތިބަލައިލެވުނު ވަގުތެކެވެ. 

އަޅުގަނޑަށް އިވެނީ އަޑެކެވެ. "މަންމާއެވެ! ދެރަނުވާށެވެ! ކޮއްކޮމެން ގޮވައިގެން މަންމަމެން އުފާކުރާތަން ދޮންބެ އެބަ ބަލަމެވެ. މަންމަމެންނާއި ބައްދަލުކުރެވޭނެ ދުވަސް އަދި އަންނާނެއެވެ! އުފާކުރާށެވެ! އެދުވަހުން އަޅުގަނޑު ހުންނާނީ މަންމަ އާއި ބައްޕަގެ އެންމެ ގާތުގައެވެ." 

އެއަޑަކީ ޙަޤީޤަތަކަށް ނުވެދާނެއެވެ. ދަރިފުޅުމަތިން ހަނދާންވާލެއް ބޮޑުކަމުން އަޅުގަނޑަށް ކުރެވުނު އިޙްޞާޞްތަކަކަށްވެސް ވެދާނެއެވެ. ކޮންމެއަކަސް އެކަން މެދުވެރިވިފަހުން ވަރަށް ބޮޑަށް ހިތްހަމަޖެހުން ލިބުނެވެ. އެއީ އެދަރިފުޅު ވާނީ ﷲ ތަޢާލާގެ ރަޙްމަތުގައި ސުވަރުގޭގައިކަމާއި އަދި ޤިޔާމަތް ދުވަހު އަހަރެމެން ސުވަރުގެ ވައްދަން މަސައްކަތްކުރާނެކަން ވިސްނެންފެށުމުންނެވެ. 

ގެއަށް ގޮސް އެރޭ ކާންތިބެގެން ފިރިމީހާ ގާތުގައި އެވާހަކަބުނުމުން ފިރިމީހާ ބުންޏެވެ. "ތިއައީ ވަރަށް ވަރުގަދަ މެސެޖެކެވެ. ދެން މަސައްކަތްކުރަންވީ އަވަހަށް ޙައްޖަށް ދިއުމަށެވެ. އަދި އަޅުކަންކުރުން މިހާރަށްވުރެވެސް ގިނަކުރަންވީއެވެ. އެއީ ދަރިފުޅާއި ބައްދަލުވެވޭނީ ސުވަރުގެ ވައްދަވާ އަޅުންނަށް ކަމުގައިވާތީއެވެ. 

ކޮންމެއަކަސް އެއިގެ ފަހުންވެސް 3 ދަރިން ލިބުނެވެ. އަޅުގަނޑުމެންގެ ޢުމުރު މިހާރުމިވަނީ 50 އަހަރުންމަތީގައެވެ. ޔަޤީންކަމާއިއެކު ބުނަމެވެ. އެދުވަހަށްފަހު ފާފައަކަށްވެދާނެކަމަށް ޝައްކުކުރެވޭ އަމަލެއްވެސް ދެމީހުންކުރެ މީހަކު ނުކުރަމެވެ. އަދި ކުރެވުނުހައި ގިނައިން މިގެންދަނީ އަޅުކަންކުރަމުންނެވެ. 

- ދިޔާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ-

މިއަދު އޮންލައިން