އަންނަ ހޮނިހިރު ރޯދަ ހިފައިފިނަމަ ޢަރަފާތު ދުވަހުގެ ރޯދަ ހިފުނީއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ޢަރަފާތު ދުވަހު ރޯދަ ހިފައިފިނަމަ ޢަރަފާތު ދުވަހު ރޯދަ ހިފިކަމުގެ ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ. ޢަރަފާތު ދުވަސް ހުކުރު ނުވަތަ ހޮނިހިރު ދުވަހަކާއި ދިމާވިނަމަވެސް އެކަހެރިކޮށް އެދުވަހު ރޯދަހިފޭނެއެވެ. އެއީވެސް މައްސަލައެއް ނޫނެވެ.
އެކަމަކު ބުނަން ހެއްޔެވެ؟ އަހުރެން އަމިއްލައަށް ވިސްނައިލުމުން ވިސްނެނީ ހަމައެކަނި ޢަރަފާތު ދުވަހު ރޯދަހިފަން އަހުރެން ލަދުގަންނަ ކަމަށެވެ. ސަބަބުވެސް މިކިޔައިދެނީއެވެ.
ސަބަބަކީ ﷲ ތަޢާލާގެ ޙަޟްރަތުން އެކަންކަމަށް އެދިގެން އހުރެން ދުޢާކުރަންހުރި ކަންކަން ގިނަކަމުންނެވެ. އެހެންވެ އަހުރެން މިއަންނަނީ ޙައްޖުމަސް ފެށުނީންސުރެ ރޯދަހިފަމުންނެވެ. އަހުރެން ފަދައިން ޙައްޖުމަސް ފެށުނީންސުރެ ކޮންމެ ދުވަހަކު ރޯދަ ހިފި އެތައް ބައަކު ތިބޭނެއެވެ. އަހުރެންނަކީވެސް އެއެންމެންގެ ތެރޭގައި ހިމެނޭ ހަމަ އެންމެ މީހެކެވެ. ވަކިން ޚާއްޞަ މީހެއްވެސް ނޫނެވެ.
އަހުރެން ބަހެއް ބުނެލަން ބޭނުންވަނީ ޙައްޖު މަހުގެ މިހައިތަނަށް އެންމެ ދުވަހަކުވެސް ރޯދަ ނުހިފާ މީހުންނަށެވެ. އަހުރެން ބުނެލަން ބޭނުންވަނީ ޢަރަފާތު ދުވަހުގެ އިތުރުން އެންމެ ކުޑަމިނުން މާދަމާ، ހުކުރު ދުވަހު ނަމަވެސް ރޯދަހިފައިލުން ކީއްހެއްޔެވެ؟ އަދި ދުނިޔޭގައި ހުރިނަމަ އަންނަ އަހަރު ޙައްޖު މަހުގެ 9 ދުވަސް އެކުގައިވެސް ރޯދަހިފައިލުން ކީއްހެއްޔެވެ؟
ހޯމަ ބުރާސްފަތީގައި ރޯދަހިފާ މީހުން މިއަދުވެސް ރޯދަހިފާނެއެވެ. އަހުރެން ޤަބޫލުކުރަނީ އެމީހުން ހުކުރު ދުވަހުވެސް އަދި ޢަރަފާތު ދުވަހުވެސް ރޯދަހިފާނެ ކަމަށެވެ.
ޢަރަފާތު ދުވަހަކީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ގޮސްތިބޭ އެންމެންނަށް ބަލައވައި ވޮޑިގެން ފަޚުރުވެރިވެވޮޑިގަންނަވާނެ ދުވަހެވެ. އެންމެހައި މީސްތަކުންގެ ދުޢާ ޢިޖާބަ ކުރައްވަވާނެ ދުވަހެވެ. އަދި އެންމެ ގިނަ ބައަކު ނަރަކައިން ސަލާމަތްކުރައްވަވާނެ ދުވަސްވެސްމެއެވެ.
ޢަރަފާތު ދުވަހާއި އިތުރު ދުވަހަކު ރޯދަހިފަން މިބުނީ މިހުރިހާ ކަންކަން އަހުރެންވެސް ބޭނުންވާތީއެވެ. އެކަންކަމަށް އެދިގެން ދުޢާކުރަންހުރި ކަންކަން ބައިވަރެވެ. އެންމެ ބޮޑު ކަމަކަށް އޮތީ ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމެވެ. ޢަރަފާތު ދުވަހު ނަރަކައިން ސަލާމަތްކުރައްވަވާ ގިނަ އަޅުންގެ ތެރޭގައި މިއަޅާވެސް ހިމަނުއްވަވައި ދެއްވެވުން އެދި ދެންނެވުމެވެ. އެކަންކަމަށް އާދޭސް ދެންނެވުމެވެ.
އަހުރެން މިހުރިހާ ވާހަކައެއް މިދެއްކީ އެންމެ ބޭނުމަކުއެވެ. އެއީ ﷲ ތަޢާލާ އެންމެ މާތް ކުރެއްވެވި ދުވަސްތައް ނިމިގެންދާއިރު ޢަރަފާތު ދުވަހުގެ އިތުރުން ހަމަ އެންމެ ދުވަހަކު ނަމަވެސް ރޯދަ ހިފުމަށް ހިތްވަރުދިނުމަށެވެ. ސުންނަތަށް ލޯބިކުރާ މީހަކަށްވުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން