ޢިބްރަތްތެރި ވާހކަ: ކައިވެނި ރޫޅުމުން ދަރިންދެކެ ފޫހިވެ ދަރިން ނިކަމެތިކުރާ ކޮންމެ މީހަކަށް މިއީ ވަރުގަދަ މެސެޖެއް! އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 5ސ
ޢިބްރަތްތެރި ވާހކަ: ކައިވެނި ރޫޅުމުން ދަރިންދެކެ ފޫހިވެ ދަރިން ނިކަމެތިކުރާ ކޮންމެ މީހަކަށް މިއީ ވަރުގަދަ މެސެޖެއް! އަގުހުރި ފިލާވަޅެއް!

ތިމާ އެމީހަކު ދެކެ އެންމެ ލޯބިވާ، އިންތިހާއަށް ލޯބިވާ މީހާ ކައިވެނި ރޫޅާލައި ތިމާ ދޫކޮށްލާފައި ދިއަ ނަމަވެސް އެކަމުން ލިބޭ މާޔޫސްކަމުގައި ދަރިން ނިކަމެތިނުކުރަން ބުނެ އެކަމަށް އިލްތިމާސްކޮށް ވަރަށް ގިނައިން ލިޔެވެއެވެ. އެއީ ދެމަފިރިން ވަކިވުމުގައި ދަރިންގެ ދައުރެއް އެއްވެސް ވަރަކަށް ނުއޮންނާތީއެވެ. އެގޮތަށް ނިކަމެތިކުރާ ދަރިންގެ ކިބައިން އެހީތެރިކަމަށް އެދެންޖެހުމަކީވެސް ވަރަށް ގިނައިން ކުރިމަތިވާ ކަމަކަށްވާތީއެވެ.  

ތިރީގައިވާ ވާހަކަޢާއި ގުޅިގެންވެސް ތަކުރާރުކޮށްލަން އޮތީ ހަމަ އެއިލްތިމާސެވެ. ވާހަކަ ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

 އެއިރު އަޅުގަނޑުގެ އުމުރުން އެންމެ 6 އަހަރެވެ. މަންމަ އާއި ދިމާއަށް ނުބައި ބަސްތައް ބުނަމުން މަންމަ ވަރިކޮށްލާފައި ބައްޕަ ގެއިން ނުކުމެގެން ދިއަ ދުވަސް ހަނދާން ހުރެއެވެ. އެހިސާބުން މަންމަ އަޅުގަނޑު ދެކެ ވަރަށް ބޮޑަށް ފޫހިވާން ފެށިއެވެ. އަޅުގަނޑާއިހުރެ އުނދަގޫވެގެން އުޅޭކަންވެސް އެނގެއެވެ.  

އެއިގެ ދުވަސްކޮޅެއްފަހުން މަންމަ ތަފާތު ފިރިހެނުން ގެއަށް ގެނެސްގެން ކޮޓަރިތަޅުލައިގެން އުޅެއެވެ. ބުނަނީ ރައްޓެހިން ކަމަށެވެ. ކޮންމެއަކަސް އެއް ދުވަހު އޮފީހަށް ދިއަ ގޮތަކަށް ގެއަކަށް ނާދެއެވެ. ގެއަށް ނައިސް 2،3 ދުވަސްވީއިރު ގޭގައި ކާނެ އެއްވެސް އެއްޗެއް ނެތެވެ. އެއްރޭ ބަނޑުހައިވެ ނުނިދުނީމާ އަވަށްޓެރިއަކަށް ސަލާންޖަހައިގެން ކާނެ އެތިކޮޅެއް ހޯދި ހަނދާން މިހާރުވެސް އެބަހުއްޓެވެ.

                                                                                                                                                                                                                                                                                                           

އަވަށްޓެރިޔާ ފުލުހުންނަށް ގުޅައި އަޅުގަނޑު ޔަތީމްޚާނާއަކަށް ފޮނުވައިދިނެވެ. އެތަނުގައި ހުއްޓާ ލިބުނީ ބޮޑު ދައިތަގެ ސިޓީއެކެވެ. އެސިޓީގައިވަނީ މަންމަ މަރުވެއްޖެ ކަމަށެވެ. ނަމަވެސް އެކަން އަޅުގަނޑަށް ޤަބޫލުނުކުރެވޭތީ އަޅުގަނޑު ދެރައެއް ނުވަމެވެ.

 

އެތަނުގައި ހުއްޓާ އެތަނަށް ކުއްޖަކު ހޯދަންދިއަ ތަނަވަސް ދެމަފިރިއަކު އަޅުގަނޑު ދުރު ރަށަކަށް ގެންގޮސް އެމީހުންގެ ގޭގައި ވަރަށް ލޯބިން ގެންގުޅެންފެށިއެވެ. މަންމައާއި ބައްޕަގެ ލޯބި ދިނެވެ. ކިޔަވައިވެސް ދިނެވެ. އެހެންކަމާއިއެކުގައިވެސް މަންމައާއި ބައްދަލުކުރަން އޮތް ޝައުޤުވެރިކަން ހަމަ ހިތުގައި އޮވެއެވެ.

 

ކޮންމެއަކަސް ކިޔަވައި ނިމި ދިރިއުޅެން މަސައްކަތް ކުރަންވެސް ފެށިފަހުން މަންމަ އާއި މަގުމަތިން ބައްދަލުވިއެވެ. ހުރީ ވަރަށް ރީތި ހެދުމެއްލައި ވަރަށް ބޮޑަށް ޒީނަތްތެރިވެގެންނެވެ. މަންމައަށް ގޮވާލާފައި ވާހަކަދައްކަން ފެށުމުން ބުނީ ތިއައުޅެނީ އޮޅިގެން ކަމަށާއި މަގުމަތިން ހިނގާ މީހުންނަށް އުނދަގޫ ނުކުރުމަށެވެ. އެހެން ބުނުމުންވެސް މަންމަ އާއި ވާހަކަދައްކަން މަސައްކަތްކުރީމެވެ. ބޮޑު ދައިތަ ބުނި ނަމަވެސް މަންމަ މަރުވިކަމަށް ޤަބޫލުނުކުރާ ކަމަށްވެސް ބުނީމެވެ. އެންމެފަހުން ބުނީ "ކަލެއަށް ރަނގަޅުވާނީ މަންމަ މަރުވެއްޖެކަމަށް ޤަބޫލުކުރިއްޔާއެވެ. ކަލެއަކީ އަހަރެންގެ ދިރިއުޅުމުގެ އުފާތަކަށް ހުރަސްއެޅުން ނޫން ކަމެއް ކުރި ދަރިއެއް ނޫނެވެ."

 

މަންމަ މަރުވެއްޖެކަމަށް ބުނެ ފޮނުވި ސިޓީ ލިބުނު ދުވަހަށްވުރެ އެދުވަހު މާއަސަރުކުރިއެވެ. މަންމަގެ ހިތުގައި އަހަރެންނަށް އެއްވެސް ލޯތްބެއް ނެތްކަން އެނގުމުންނެވެ. ގެއަށްގޮސް މަންމަގެ ހަނދާންތަކާއި ދުރުވާން ވަރަށް މަސައްކަތްކުރީމެވެ. އެކަން ކާމިޔާބުކުރެވުނީ ކައިވެނިކޮށް ދަރިއަކުވެސް ލިބުނު ފަހުންނެވެ.

 

ދަރިފުޅުގެ އުމުރުން 3 އަހަރުގައި ދަރިފުޅު ގޮވައިގެން ދެމަފިރިން ޕާކަކަށް ގޮސް އުޅުނު ދުވަހަކު މަންމަ ޢާއި އަނެއްކާވެސް ބައްދަލުވިއެވެ. ހުރީ ވަރަށް ނިކަމެތި ޙާލެއްގައެވެ. އަޅުގަނޑު ފެނުމުން އައިސް މާމަދަރިފުޅުވެގެން އުޅެން ފެށިއެވެ. އަންހެނުންދެކެވެސް ވަރަށް ލޯބިވާކަމަށް ހެދުނެވެ. އަދި އަޅުގަނޑަށް ދަރިފުޅާއޭ ކިޔާފައި ވާހަކަ ދައްކަންވެސް ފެށިއެވެ.  

 

އަޅުގަނޑު ބުނީމެވެ. "ތިއަ އުޅެނީ އޮޅިގެންނެވެ. މިއީ ކަލޭގެ ދަރިފުޅެއް ނޫނެވެ. ތިއައީ އަހަރެންގެ މަންމަ އެއްވެސް ނޫނެވެ. އަހަރެންގެ މަންމަ އާއި ބައްޕަ އެތިބީއެވެ. އެކަމަކު ކަލެއަކީ އަޅައިލާނެ މީހަކު ނެތި ސަލާންޖަހަމުން ހިނގާ އަންހެނެއް ނަމަ އަދި އަހުރެން ވިހެއި މީހާކަމަސްވީނަމަވެސް ތިއަ އަމުނާ ބަނދިވަރު ނާމުނައި ހުންނަމަތިން ކޮންމެމަހަކުވެސް ކައިގެން ގޭގައި އިންނަހާ ފައިސާ ގެއަށް ގެންގޮސްދީފާނަމެވެ. ރަނގަޅީ އެކައުންޓް ނަމްބަރު ދިނިއްޔާއެވެ. އެއިރުން ޖަމާކޮށްދޭނަމެވެ."

 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މައިންބަފައިން ކޮންމެ ގޮތަކަސް ކަންކަން ކުރިނަމަވެސް އެދަރިފުޅު އެބުނި ފަދަ ބަހެއް މައިންބަފައިންނަށް ބުނެގެންނުވާނެއެވެ. އެބަސް ކުށްވެރިކުރަމެވެ. އެހެނަސް ޤަބޫލުކުރަންޖެހޭ ކަމެއް އެބައޮތެވެ. ދަރިން ނަމަވެސް އެހައި ބޮޑަށް ނިކަމެތިކޮށްލީމާ ދަރިންގެ ހިތަށްވެސް އަސަރުތަކެއް ކުރާނެކަމަށް ޤަބޫލުކުރަންވެސްވާނެއެވެ.

 

މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާ މިކުރަނީ ވަރަށް މުހިންމު ބޭނުމަކުއެވެ. ރާއްޖެއަށް ބަލައިފިނަމަ ދަރިން އެއްލައިލަނީ ވަރަށް މަދު މަންމައެކެވެ. 100 އަކުން އެންމެ 2،3 އަންހެނަކުހައި މަދު އަދަދެއްގެ މައިންނެވެ. ނަމަވެސް ފިރިން ތިމާ ވަރިކުރުމުން އަންނަ ރުޅީގައި ދަރިފުޅާއިމެދު އަނިޔާވެރިކޮށް ކަންކަންކުރާ މައިން އެހައި މަދުކަމަކަށް އަޅުގަނޑަކަށް ނުބުނެވޭނެއެވެ. އެނުބައި އާދަ ހަމަ އަޅުގަނޑުމެންގެ ތެރޭގައި އެބަ އޮތެވެ.

 

މިއީ އިޞްލާޙްކުރަންޖެހިފައިވާ ކަމެކެވެ. ފިރިމީހާ ވިޔަސް އަނބިމީހާވިޔަސް ނުބައި ގޮތަކަށް ކަންކަން ކޮށްފިނަމަ އެއީ އެކަންކުރި މީހެއްގެ ނުބައިކަމެވެ. އެކަމާއި ދަރިންނާއި ނުގުޅުވާށެވެ. ދަރިންގެ ތެރެއިން ތިމާ ނިކަމެތިޙާލުގައި ޖެހޭ ދުވަހު ތިމާއަށް އެހީތެރިވާނީ ކާކުކަމެއް ނުއެނގޭނެއެވެ.

 

--ރުޚްސާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން