އެއްވެސް މީހަކަށް ދެރައެއް ދިނުމަށްފަހު އެކަން ކުރެވުނީ މިންވަރުފުޅުގައި އޮތުމުން ކަމަކަށް ނުބުނެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
އެއްވެސް މީހަކަށް ދެރައެއް ދިނުމަށްފަހު އެކަން ކުރެވުނީ މިންވަރުފުޅުގައި އޮތުމުން ކަމަކަށް ނުބުނެވޭނެ!

ޤަޟާޤަދަރަށް އީމާންވުމަކީ ކޮބައިކަމާއި ޤަޟާޤަދަރަށް އީމާންވުމަކީ ކޮބައިކަން ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގެންޖެހޭނެއެވެ. ވީމާ އެއީ ދަސްކުރުން ލާޒިމު ކަމެކެވެ. ނޫންނަމަ ނުބައި ވިސްނުމަކުންގޮސް ފާފަވެރިވެދާނެއެވެ. 

ކަންކަން މެދުވެރިވުމުން އެއީ ﷲ ތަޢާލާގެ ޙަޟްރަތުން މެދުވެރިވިކަމެއް ކަމަށް ޤަބޫލުނުކުރެވޭ މީހުން އަހަރެމެންގެ ތެރޭގައި އެބަ އުޅެއެވެ. އެފަދަ މީހުން ބުނާނީ އެކަމެއް މެދުވެރިވީ މިވެނި އެވެނި މީހެއްގެ ސަބަބުން ކަމަށެވެ.

މިސާލަކަށް ދެރައެއް ދޭން މީހަކު މަސައްކަތްކޮށްފާނެއެވެ. ނަމަވެސް ދެރައެއް ލިބިއްޖެނަމަ އެއީ އޭނާކުރިކަމެއްކަމަށް އަދި ހެޔޮގޮތެއް މެދުވެރިވާ ޙާލަތުގައިވެސް އެކަން މެދުވެރިވީ ވަކިމީހެއްގެ ސަބަބުން ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. ދެރަގޮތެއް މެދުވެރިވާނީވެސް އަދި ރަނގަޅު ގޮތެއް މެދުވެރިވާނީވެސް ހަމަ ﷲ ތަޢާލާގެ މިންވަރުފުޅުންނެވެ. 

މީގެމާނައަކީ މީހަކަށް އަނިޔާކޮށްފައި އެކަންކުރި މީހާ ތިމާ އެކަންކުރީ މިންވަރުފުޅުގައިވާތީކަމަށް ބުނުމެއް ނޫނެވެ. އޭނާއަށް އެހެންނަކުން ނުބުނެވޭނެއެވެ. އެހެނީ އެއަނިޔާ ނުކުރުމުގެ އިޚްތިޔާރު ﷲ ތަޢާލާ ވަނީ އޭނާއަށް ދެއްވަވައިފައެވެ. އެއީ މިންވަރުފުޅުގައިވާތީ ލިބުނު އަނިޔާއެއްކަމަށް  ބުނެވޭނީ އަނިޔާ ލިބުނު މީހާއަށެވެ. އަނިޔާ ލިބުނު މީހާ ބުނަންވާނީވެސް އެއީ މިންވަރުފުޅުގައި އޮތުމުން ލިބު އަނިޔާއެއް ކަމަށެވެ. ނުވަތަ މިންވަރުފުޅުގައި އޮތުމުން މެދުވެރިވި ދެރަ ގޮތެއް ކަމަށެވެ. 

މިކަންކަން އޮޅިފައިވާވަރުން އަދިވެސް އިތުރު މިސާލެއް ބުނެފާނަމެވެ. ރައްކައުތެރިކަމުގެ އަޅަންޖެހޭ ފިޔަވަޅުތައް ނުއަޅައި ކަރަންޓުގައި އަތްލުމުން ކަރަންޓުގައި ޖެހިއްޖެނަމަ އެއީ މިންވަރުފުޅުގައިވާތީ ވީކަމެއް ކަމަކަށް ނުބުނެވޭނެއެވެ. ނަމަވެސް ކަރަންޓް އައިސްފައިހުރިކަން ނުއެނގިހުރެ ސްވިޗެއްގައި ޖައްސަން ނުވަތަ ނިއްވަން އަތްލާތަނުން ކަރަންޓުގައި ޖެހިއްޖެނަމަ އެއީ މިންވަރުފުޅުގައިވާތީ މެދުވެރިވި ކަމެއްކަމަށް ބުނެވިދާނެއެވެ. 

އަދިވެސް އެހެން މިސާލެއް ބުނެފާނަމެވެ. ދެމަފިރިއަކު ދިރިއުޅެމުން ދަމުން އެކަކު ބޭވަފާތެރިވުމުން ޖެހޭ މައްސަލަތަކުގައި ކައިވެނި ރޫޅިއްޖެނަމަ އެކަން މެދުވެރިވީ މިންވަރުފުޅުން ކަމަށް ބުނެވޭނީ ބޭވަފާތެރިނުވާ މީހާއަށެވެ. ބޭވަފާތެރިވީ މީހާއަކަށް ނުބުނެވޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ޔަޙްޔާ ބުން ޔަޢުމަރުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (މާނަ): 

"ބަޞްރާގައި، (ޤަޟާ) ޤަދަރާ ބެހޭގޮތުން (އެބަހީ: އެކަން އިންކާރުކޮށް) އެންމެ ފުރަތަމަ ވާހަކަދެއްކި މިހަކީ މަޢުބަދު އަލްޖުހަނީއެވެ. ތިމަންނާއާއި ޙުމައިދު ބުން ޢަބްދުއްރަޙްމާން އަލްޙިމްޔަރީ ޙައްޖަށް – ނުވަތަ ޢުމްރާއަށް – ދިޔުމަށް ނުކުތީމެވެ. ފަހެ، ތިމަންމެން ބުނީމެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބުންގެ ތެރެއިން ބޭކަލަކާ ބައްދަލުވެއްޖެނަމަ، ޤަދަރާ ބެހޭގޮތުން މިބައިމީހުން ދައްކާ ވާހަކަތަކާމެދު އެބޭކަލަކާ ސުވާލުކުރާނަމެވެ. ފަހެ، ޢަބްދުﷲ ބުން ޢުމަރު ބުން އަލްޚައްޠާބު މިސްކިތް ތެރެއަށް ވެދެވަޑައިގަންނަވަނިކޮށް އެކަލޭގެފާނާ ބައްދަލުކުރުމުގެ ތައުފީޤު ތިމަންމެންނަށް ލިބުނެވެ. ފަހެ، ތިމަންނާއާއި ތިމަންގެ އެކުވެރިޔާ އެކަލޭގެފާނު ވަށައިލީމެވެ. އެކަކު އެކަލޭގެފާނުގެ ކަނާތް ފަރާތުގައެވެ. އަދި އަނެކަކު އެކަލޭގެފާނުގެ ވާތް ފަރާތުގައެވެ. ފަހެ، ވާހަކަ ދެއްކުމަށް ތިމަންގެ އެކުވެރިޔާ ތިމަންނާއާ ހަވާލުކުރާނޭކަމުގައި ތިމަންނައަށް ހީވިއެވެ. ފަހެ، ތިމަން ދެންނެވީމެވެ. އަބޫ ޢަބްދުއްރަޙްމާނެވެ. ހަމަކަށަވަރުން ތިމަންމެންގެ ތެރެއިން ބަޔަކު ފާޅުވެއްޖެއެވެ. އެބައިމީހުން ޤުރުއާން ކިޔަވައެވެ. އަދި ޢިލްމު ޙާޞިލުކުރެއެވެ. އަދި އެމީހުންގެ ކަންކަން ކިޔައިދިނީމެވެ. އަދި ޤަދަރެއް ނުވާކަމަށް އެބައިމީހުން ދަޢުވާކުރާކަމުގައި ބުނީމެވެ. އަދި ކަންކަން ހިނގަނީ ﷲ ތަޢާލާގެ ނިޔާކުރެއްވުމަކާ ނުލާކަމުގައިވެސް އެބައިމީހުން ބުނެއެވެ. 

އެކަލޭގެފާނު ވިދާޅުވިއެވެ. "ފަހެ، ތިބާއަށް އެބައިމީހުންނާ ބައްދަލުވާހިނދު، ތިމަންކަލޭގެފާނު އެބައިމީހުންގެ ކިބައިން ބަރީއަވެގެންވާކަމުގެ ޚަބަރު އެބައިމީހުންނަށް ދޭށެވެ. އަދި އެބައިމީހުންވެސް ވަނީ ތިމަންކަލޭގެފާނުގެ ކިބައިން ބަރީއަވެގެންކަމުގައި ބުނާށެވެ. ޢަބްދުﷲ ބުން ޢުމަރު، އެއިލާހު ގަންދެއްވާ ހުވާކުރައްވާ ވިދާޅުވަމެވެ. އެބައިމީހުންގެ ތެރެއިން މީހަކު އުޙުދު ފަރުބަދައާ އެއްވަރަށް ރަން ހޭދަކުރިޔަސް، (ޤަޟާ) ޤަދަރަށް އީމާންވެއްޖައުމަށް ދާންދެން ﷲ އެބައިމީހުންގެ ކިބައިން ޤަބޫލުނުކުރައްވާނެއެވެ."

 

--މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން