ދަރިންގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި ޖައްސުވަން ކުރަންވީ ބައެއް ކަންކަން-

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދަރިންގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި ޖައްސުވަން ކުރަންވީ ބައެއް ކަންކަން-

ދަރިން އެންމެ ތުއްތު އިރު ކިޔައިދޭ ވާހަކަތަކަކީވެސް އެކުދިންގެ ހިތްތަކުގައި ﷲ ތަޢާލާއަށާއި އިސްލާމް ދީނަށް ލޯބިއިތުރުވާނެ ވާހަކަތަކަށް ހަދާށެވެ! އަދި އެންމެ ތުއްތު އިރުންސުރެ ދަރިންނާއި މުޢާމަލާތްކުރާއިރު ގިނަގިނައިން ﷲ ގެ ނަންފުޅު ބޭނުންކުރާށެވެ! އެންމެހައި ނިޢްމަތްތައް ދެއްވަވަނީ ހަމައެކަނި ﷲ ތަޢާލާކަން ވިސްނައިދޭން މަސައްކަތްކުރާށެވެ! އަދި ޝުކުރުވެރިވެ ﷲ ތަޢާލާއަށް އަޅުކަން ކުރަންޖެހޭ ސަބަބުތައްވެސް ބުނެދެމުން ގެންދާށެވެ!

މިސާލަކަށް ކާން ފެށުމުގެ ކުރިން ބިސްމިﷲ ކިޔަނީ ރިޒްޤް ދެއްވެވީވެސް އަދި ކާތަކެތީގައި ބަރަކާތް ލައްވަވަނީވެސް ﷲ ތަޢާލާކަމަށްވުމުންކަން ދަރިންނަށް ވިސްނައިދޭށެވެ! ކައިނިމިގެން ދެއްވެވި ރިޒްޤަށް ޝުކުރުވެރިވެ ދުޢާކުރުމަކީ ބޮޑެތި މީހުންވެސް މިހާރަކަށް އައިސް ކުރަން ހަނދާންނެތިފައި އޮންނަ ކަމެކެވެ. އެހެން އެކަން ދޫކޮށްނުލާށެވެ!

ﷲ ގެ ވާހަކަ ދައްކަން ފަށަންވީ ވަކި ޢުމުރެއްގައެއް ނޫނެވެ. ހުރިހާ ޢުމުރެއްގައިވެސް ޢުމުރާއި ގުޅޭގޮތުން އެވާހަކަ ދައްކާށެވެ! ވަކި އުމުރަކަށް ބޮޑުވުމުން އެވާހަކަ ދައްކަން މަޑުކޮށްފިނަމަ ފުރުޞަތު ގެއްލިގެން ހިނގައިދާނެ ކަމަށް ބިރުވެތިވާށެވެ! އެކަން އެގޮތަށް ދަނީ މެދުވެރިވަމުންނެވެ.

ލޮބުވެތި ބެލެނިވެރިންނޭވެ! ދަރިންގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި ޖެއްސުވުމަކީ މައިންބަފައިންގެ އެންމެ ބޮޑު މަސްއޫލިއްޔަތެވެ! އެހެން ހުރިހާ މަސްއޫލިއްޔަތުތަކެއްވެސް ގެންނަންވާނީ އެކަމުގެ ފަހަތުންނެވެ! ޤިޔާމަތް ދުވަހު ޒިންމާއިން ސަލާމަތްވެވޭނީ އެއިރުންނެވެ.

ދަރިންގެ ހިތުގައި ﷲ ތަޢާލާ އަށާއި އިސްލާމް ދީނަށް ލޯބި ޖައްސުވަން އެދޭ މައިން ބަފައިން، ސްކޫލުން، ކޮލެޖުން ނޫނީ ޔުނިވަރސިޓީން ނޫނީ އެނޫންވެސް ފަރާތަކުން އެކަން ކޮށްދޭނެ ކަމަށް އިތުބާރުކޮށްގެން ނުތިބޭށެވެ! ކުރިން ބުނިފަދައިން އެއީ މައިންބަފައިންގެ ކިބައިގައި އޮތް ވަރަށް ބޮޑު ަމސްއޫލިއްޔަތެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން