މާތް اللهގެ އަޅުތަކުންނޭވެ! ޢަރަފާތު ދުވަހު، އިސްލާމީ އުންމަތް ދައްކައިދެނީ، އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރެކެވެ. ތަފާތު ހިސާބުތަކުން މުސްލިމުން އެއް ތާކަށް އެއްވާ ތަނެވެ. އެބައިމީހުންގެ ކުލަ ތަފާތަސް، އެބައިމީހުންގެ ނަސްލު ތަފާތަސް، އެބައިމީހުން ވާހަކަދައްކާ ބަހުރުވަ ތަފާތަސް، އެބައިމީހުން އެއްތާކަށް އެއްކުރުވަނީ އެބައިމީހުންގެ އީމާންކަމެވެ. މާތް اللهގެ އެއްކައުވަންތަކަމަށް ގޮވައިލާ އިސްލާމްދީނެވެ. އެ އެންމެން އެއް ތާކަށް، އެއް ގޮތަކަށް އެއްވެ، މާތް اللهއަށް މުނާޖާ ދެންނެވުމަށް ޓަކައެވެ. ޢަރަފާތު ދުވަހު ޢަރަފާތުގެ ބިމުގައި ތިބެ މާތް اللهއަށް ތަލްބިޔާ ކިޔުމަށެވެ. އެތައް ހާސް އަހަރެއް ކުރީން إبراهيم عليه السّلام ގޮވައިލެއްވި ގޮވައިލެއްވުމަށް އިޖާބަދިނުމުގެ ގޮތުންނެވެ.
މުސްލިމް އަޚުންނޭވެ! މުސްލިމުން عَرَفَاتُ ބިމުގައި ތިބޭ މަންޒަރަކީ ޝައުޤުވެރިކަމާ އެކު، މީސްތަކުންގެ ކަޅި އެ ދިމާއަށް އަނބުރައިލެވޭ މަންޒަރެކެވެ. ހިތްތަކަށް ފިނިކަމާއި އުފާވެރިކަން ގެނުވާ މަންޒަރެކެވެ. މައްކާގެ ބިމުގައި މާތް الله ލައްވައިފައިވާ މަނާސިކުގެ ކަންކަން ފުރިހަމަކުރުމުގެ މަތިވެރި އަޅުކަން އަދާކުރާ މަންޒަރެވެ. އެ ކަމުން ދައްކައިދެނީ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. މާތް اللهގެ އަމުރުފުޅުގައިވާ "ތިޔަބައިމީހުން އެންމެން اللهގެ دينގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެނުގަންނާށެވެ!" ބަސްފުޅަށް އިޖާބަދިނުމުގެ ގޮތުންނެވެ.
މުސްލިމް އަޚުންނޭވެ! މާތް اللهގެ ދީނުގައި ހިފަހައްޓާށޭ އެންގެވުމުން، ދީނުގެ ހައްދުގެ ތެރޭގައި ހިފެހެއްޓިގެން ހުރުމަކީ ލާޒިމުކަމެއްކަން ދޭހަވެއެވެ. އަދި، ވަކިވަކިވެނުގަންނާށޭ އަންގަވައިފައި ވަނީ ބައިބައިވުމަކީ ނިކަމެތި ކަމަކަށް ވާތީއެވެ. މާތް ނަބިއްޔާ zގެ އަޞްޙާބުބޭކަލުން ވެސް އެއްބައިވަންތަކަމުގެ ތަރަހައިގެ ތެރޭގައި ތިއްބެވީ އިސްލާމްކަމުގެ ދިދައިގެ ހިޔަލުގައި، އަދި އެބޭކަލުންގެ ޝިޢާރެއްގެ ގޮތުގައި (لَا إِلَـٰهَ إِلَّا اللهُ مُحَمَّدٌ رَّسُوْلُ اللهِ) މި ކަލިމަފުޅު ހިއްޕަވައިގެންނެވެ. އެއް ލަނޑުދަނޑިއަކަށް އަމާޒުހިއްޕަވައިގެންނެވެ. އެ އަމާޒަކީ މި ކަލިމަފުޅު މަތިވެރިކުރުމެވެ. މާތް اللهއަށް އިޚްލާޞްތެރިވެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމުގައި ޤުރްބާންވުމެވެ. تَقْوَىގެ މަގުގައި ހިންގެވުމެވެ.
މުސްލިމް އަޚުންނޭވެ! ސަލާމަތުގެ މަގަކީ މާތް اللهގެ ފޮތުގައްޔާއި، އެކަލާނގެ ރަސޫލާ z ގެ ސުންނަތުގައި އަންގަވައިފައިވާ މަގެވެ. މާތް ނަބިއްޔާ z حَجَّةُ الْوَدَاعގެ ޚުޠުބާގައި ޙަދީޘް ކުރައްވައިފައިވެއެވެ.
(أَيُّهَا النَّاسُ، إِنِّيْ قَدْ تَرَكْتُ فِيْكُمْ مَا إِنِ اعْتَصَمْتُمْ بِهِ فَلَنْ تَضِلُّوْا أَبَدًا؛ كِتَابَ اللهِ وَسُنَّةَ نَبِيِّهِ ﷺ، إِنَّ كُلَّ مُسْلمٍ أَخُ الْمُسْلِمِ، اَلْمُسْلِمُوْنَ إِخْوَةٌ، وَلَا يَـحِلُّ لِامْرِئٍ مِنْ مَالِ أَخِيْهِ إِلَّا مَا أَعْطَاهُ عَنْ طِيْبِ نَفْسٍ، وَلَا تَظْلِمُوْا، وَلَا تَرْجِعُوْا مِنْ بَعْدِيْ كُفَّارًا يَضْرِبُ بَعْضُكُمْ رِقَابَ بَعْضٍ)
[1] މާނައީ: އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއަށް ތިމަންކަލޭގެފާނު ދެ އެއްޗެއް ދޫކުރައްވާފައި ވަމެވެ. އެ ދޭތީގައި ހިފަހައްޓައިގެން ތިބިހައި ހިނދަކު ތިޔަބައިމީހުން ގެއްލެނިވެގެން ނުދާނެތެވެ. އެއީ މާތް اللهގެ ފޮތާއި އެކަލާނގެ ނަބިއްޔާގެ ސުންނަތެވެ. ހަމަކަށަވަރުން އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. މުސްލިމުންނަކީ އަޚުންތަކެކެވެ. އެއްވެސް މީހަކަށް އޭނާގެ އަޚާގެ މުދަލުން އެ އަޚާ އޭނާއަށް ހިތްހެޔޮކަމާ އެކު ދީފި އެއްޗެއް ފިޔަވައި ޙަލާލުވެގެންނެއް ނުވެއެވެ. ތިޔަބައިމީހުން އެކަކު އަނެކަކަށް އަނިޔާވެރިނުވާށެވެ! ތިމަންކަލޭގެފާނު ދުނިޔެ ދޫކުރެއްވުމަށް ފަހު، ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކު ޤަތުލުކޮށް ކާފިރުކަމަށް އެނބުރި ނުދާހުށިކަމެވެ!"
މުސްލިމް އަޚުންނޭވެ! ޙައްޖު ދުވަހަކީ، އަހަރުތެރޭގައިވާ އެންމެ މާތް ދުވަހެވެ! އެ ދުވަހަކީ ޢަރަފާތު ދުވަހެވެ. ޙައްޖުގެ އެންމެ މަތިވެރި ރުކުން އަދާކުރާ ދުވަހެވެ. ޢަރަފާތު ބިމުގައި ޙައްޖުވެރީން އެ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ތިބޭ ދުވަހެވެ. ޙައްޖުގެ އަޅުކަމާ ބެހޭ ގޮތުން މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައިވެއެވެ. (اَلْـحَجُّ عَرَفَةُ)[2] މާނައީ: "ޙައްޖަކީ ޢަރަފާތުގައި ހުރުމެވެ."