ޚުޠުބާ: ޢަރަފާތު ދުވަހު ކުރަން އޮތް އެންމެ މާތް ދުޢާ

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 8ސ
ޚުޠުބާ: ޢަރަފާތު ދުވަހު ކުރަން އޮތް އެންމެ މާތް ދުޢާ

މުސްލިމް އަޚުންނޭވެ! އެ ދުވަހު ކުރާ އެންމެ މާތް ދުޢާ رَسُولُ اللهِ z ވަނީ ބަޔާންކޮށް ދެއްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. 

(خَيْرُ الدُّعَاءِ دُعَاءُ يَوْمَ عَرَفَةَ، وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّوْنَ مِنْ قَبْلِيْ: لَا إِلَـٰهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْـمُلْكُ وَلَهُ الْـحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ)[1] 

މާނައީ: "އެންމެ މާތް ދުޢާއަކީ، ޢަރަފާތު ދުވަހުގެ ދުޢާއެވެ. އަދި ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ކުރީން ފޮނުއްވުނު ނަބީބޭކަލުން ކުރެއްވި އެންމެ މާތް ދުޢާއަކީ:

(لَا إِلَـٰهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْـمُلْكُ وَلَهُ الْـحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ) މިއެވެ. 

މުސްލިމް އަޚުންނޭވެ! ޢަރަފާތު ދުވަހު ޙައްޖުވެރީން ނޫން މީހުން ރޯދަހިފުމީ، مُسْتَحَبُّ ކަމެކެވެ. ޢަރަފާތު ދުވަހުގެ ރޯދައާ ބެހޭ ގޮތުން ސުވާލުކުރެވުމުން މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (يُكَفِّرُ السَّنَةَ الْمَاضِيَةَ وَالْبَاقِيَةَ)[2] މާނައީ: "(އެ ދުވަހުގެ ރޯދައިގެ ދަރުމައަކީ) އިސްވެދިޔަ އަހަރުގައި ކުރެވިފައިވާ ކުދިފާފަތަކާއި ކުރިއަށް އޮތް އަހަރުގައި ކުރެވިދާނެ ކުދި ފާފަތަކުގެ ކައްފާރާއެކެވެ." ޙައްޖުވެރިޔާ އެ ދުވަހު ރޯދައަށް ހުރުމެއް ނުވެއެވެ. އެހެންނަމަވެސް އޭނާއަށް مُسْتَحَبُّވަނީ ދުޢާކުރުމާއި ޒިކުރުކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުމެވެ. މިއީ އެ ދުވަހުގެ އެ މަޤާމުގެ ވަޒީފާއެވެ. އެ ދުވަހު ޙައްޖުވެރީން ތަވާޟުޢުވެރިކަމާއި ޚުޝޫޢަތްތެރިކަމާއި ނިކަމެތިކަން އިޙްސާސްކޮށް ގިނަގިނައިން ތަލްބިޔާގެ އަޑު އުފުލާންވާނެއެވެ. ހަމަ އެ ފަދައިން މާތް ނަބިއްޔާ zއަށް ޞަލަވާތްކިޔެވުން ވެސް ގިނަކުރެވޭތޯ ބަލާންވާނެއެވެ. ޙަޔާތުގައި ކުރެވިފައިވާ ކުށްފާފަތަކަށް ވިސްނައި ފާފަފުއްސަވައިދެއްވައިތޯއާއި ނަރަކައިން މިންޖުކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކުރާން ވާނެއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. 

(مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللهُ فِيْهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ)[3] 

މާނައީ: "ޢަރަފާތު ދުވަހަށް ވުރެ ގިނައިން اللهُ تَعَالَى އެކަލާނގެ އަޅުން ނަރަކައިން މުއްތިކުރައްވާ އެހެން ދުވަހެއް ނުވެއެވެ." އެ ދުވަހު އެ ޖަމާޢަތުގައި ބައިވެރި ނުވެވޭ މީހުން ވެސް އެ ދުވަހު ގިނަގިނައި ޒިކުރުކުރުމާއި ދުޢާކުރުމާއި ރޯދަހިފުމާއި އެ ނޫން ވެސް ހެޔޮ ޢަމަލު ގިނަކުރުން ހުއްޓެވެ! އެ ދުވަހު އެ ތާނގައި ހުރުމުގެ ނަސީބު ދެއްވައިތޯ ވެސް ދުޢާކުރާށެވެ! މާތް الله އަޅަމެން އެންމެންނަށް ޢަރަފާތު ދުވަހުގެ ދަރުމައާއި ސަވާބު ދެއްވާށިއެވެ! ހެޔޮ ގޮތުގައި ޙައްޖުވުމުގެ ތައުފީޤު މިންވަރުކުރައްވާށިއެވެ! އާމީން! 

މުސްލިމް އަޚުންނޭވެ! އިސްވެދިޔަ އާޔަތުން އެނގޭ ގޮތުގައި ޢަރަފާތު ދުވަހަކީ އެ ދުވަހެއްގައި މާތް الله އެކަލާނގެ ދީން ފުރިހަމަ ކޮށްދެއްވި ދުވަހެވެ. ޢަރަފާތު ދުވަހަކީ ބަރަކާތްތެރި ދުވަހެކެވެ. ޙައްޖުވެރީން ޢަރަފާތުގައި ތިބޭ އިރު، މާތް الله ފަޚުވެރިވެވޮޑިގަންނަވައި އެކަލާނގެ މަލާއިކަތުންނަށް އަންގަވައި ވަޙީކުރައްވާނެއެވެ. "ތިމަންރަސްކަލާނގެ އަޅުތަކުން ނިކަން ދެކިބަލާށެވެ! ތިމަންރަސްކަލާނގެ އަޅުތަކުން، ތިމަންރަސްކަލާނގެ ޙަޟްރަތުން، ފާފަފުއްސެވުމަށް އެދި، އައިސް އެތިބީ، ބޯ ހޭވި، ހިރަފުހާ ތަތްތެޅިގެން، ދުރު ހިސާބުތަކުންނެވެ. ތިޔަ މަލާއިކަތުން ހެކިކުރައްވައި، ތިމަންރަސްކަލާނގެ އެބައިމީހުންނަށް ފާފަފުއްސަވައިދެއްވައިފީމެވެ!"[4]

މިއަދު އޮންލައިން