މުސްލިމް އަޚުންނޭވެ! ޙައްޖުވެރީންނަށް އެ މާތްކަން މާތް الله ދެއްވައިފައިވާ އިރު އެ ޖަމާޢަތުގައި ބައިވެރި ނުވެވި ރަށުގައި ތިބޭ މީހުންނަށް ވެސް އެ ދުވަހު މާތްކަން ލިބިގަތުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި، ރޯދަހިފުމާއި، ޒިކުރުކުރުމާއި ދުޢާކުރުމާއި ތަކުބީރުކިޔުން ފަދަ ހެޔޮ ޢަމަލުކުރުން ހުށްޓެވެ. މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ.
(إِنَّ هَـٰذَا يَوْمٌ مَنْ مَلَكَ فِيْهِ سَـمْعَهُ وَبَصَرَهُ وَلِسَانَهُ غُفِرَ لَهُ)[1]
މާނައީ: "މިއަދަކީ، އެ މީހެއްގެ އަޑުއެހުމާއި ބެލުމާއި ދޫ ރައްކާތެރިކޮށްފި މީހަކަށް، މާތް الله ފާފަފުއްސަވައިދެއްވާނެ ދުވަހެކެވެ." އަޅަމެންނީ މި މަތިވެރި ދުވަހުގެ ދަރުމަޔާއި ސަވާބުލިބޭ ބަޔަކުކަމުގައި ލައްވާށިއެވެ! އާމީން!
މާތް الله ގެ އަޅުތަކުންނޭވެ! މާތް ނަބިއްޔާ މައްޗަށް ޞަލަވާތްކިޔަވާށެވެ! އެކަމަށް އަމުރު ކުރައްވައި މާތް الله ވަޙީކުރައްވާފައިވެއެވެ. މާނައީ: "ހަމަކަށަވަރުން الله އާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތްލައްވަތެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްލެއްވުން އެދި ދުޢާކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމްލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ!"