ޙައްޖުވެރިން ޢަރަފާތުގައި ތިބެފައި އަހުރެމެން ރަށުގައި ތިބުމަކީ ޢަރަފާތުދުވަހާއިމެދު އިހްމާލްވާން އޮތް ސަބަބެއް ނޫން! އޮތީ ވީހާ ގިނަ ޘަވާބު ލިބިގަންނަން ގަދައަޅައި މަސައްކަތްކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޙައްޖުވެރިން ޢަރަފާތުގައި ތިބެފައި އަހުރެމެން ރަށުގައި ތިބުމަކީ ޢަރަފާތުދުވަހާއިމެދު އިހްމާލްވާން އޮތް ސަބަބެއް ނޫން! އޮތީ ވީހާ ގިނަ ޘަވާބު ލިބިގަންނަން ގަދައަޅައި މަސައްކަތްކުރުން!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ޢަރަފާތު ދުވަހުގެ ރޯދަ ހިފައިލުމުން އެނިމުނީ ކަމަށެވެ. އެއީ އެއްގޮތަކަށްވެސް އެހާފަސޭހައިން ނިންމާލެވެން އޮތް ކަމެއް ނޫނެވެ. 

ރޭތަކުގެ ތެރެއިން އެންމެ މާތްކުރައްވަވައި އެންމެ މަތިވެރިކުރެއްވެވި ރެއަކީ ލައިލަތުލްޤަދްރިވިލޭރެއެވެ. ދުވަސްތަކުގެ ތެރެއިން އެންމެ މާތް ކުރައްވަވައި މަތިވެރިކުރައްވަވާފައިވަނީ ޢަރަފާތު ދުވަހެވެ. ޢަރަފާތު ދުވަހުގެ ޘަވާބާއި ދަރުމަ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ވީހާ ގިނަ ހެޔޮ ޢަމަލުތައް ކުރަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. 

ދެން އޮތީ އެންމެ މުހިންމު ކަންތަކެވެ. އެއީ ދުޢާކުރުމެވެ. ދުޢާކުރުން ގިނަކުރަންވާނެއެވެ. ޚާއްޞަކޮށް ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެންނާއި ނަރަކައިން މިންޖުކޮށްދެއްވެވުން އެދިގެން ދުޢާކުރުން ގިނަކުރަންވާނެއެވެ. 

އަހުރެންގެ ނަޞޭޙަތަކީ ކޮންމެ މީހަކުވެސް އެމީހަކު ދިރިއުޅެން ކޮންމެހެން ކުރަންޖެހޭ ކަންކަން ނޫން އެހެން މަސައްކަތްތައް ޢަރަފާތް ދުވަހު ނުކުރުމެވެ. ވީހާ ގިނަ ވަޤުތު އަޅުކަމުގައި ހޭދަކުރުމެވެ. 

ޢަރަފާތު ދުވަހުގެ އިރުއޮއްސުމާއިއެކު ޢަރަފާތުދުވަސް ނިމުނީއެވެ. ޢީދުވިލޭރެއަށް ފެށުނީއެވެ. ކުރިއަށް އޮންނާނީ ޢީދު ދުވަހެވެ. އެއީ މުސްލިމުން (ދީނުގައި ހުއްދަ) ކުޅިވަރުތައް ކުޅެ އުފާކުރަން އޮތް ދުވަހެވެ. ވީމާ ޢަރަފާތު ދުވަހުގެ ބަރަކާތާއި ޘަވާބު ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރަމާ ހިނގާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން