ކުށެއްކުރެވުމުން އެކަން އޮއްބަން އަނެކާގެ ކުށް ދެއްކުމަކީ ޙައްލެއް ނޫން! އެއިރުން ކަންކަން ވާނީ އިތުރަށް ގޯސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ކުށެއްކުރެވުމުން އެކަން އޮއްބަން އަނެކާގެ ކުށް ދެއްކުމަކީ ޙައްލެއް ނޫން! އެއިރުން ކަންކަން ވާނީ އިތުރަށް ގޯސް!

ކުށެއް ކުރެވިއްޖެ ނަމަ އެކަމުގެ ޒިންމާ ނަގާށެވެ! އަދި އެކަން ރަނގަޅުކުރަން ކުރެވެން އޮތް ކަމެއް ކުރާށެވެ. އިސްލާމް ދީނުގައި އޮތީ މި ގޮތެވެ!

ފާފައެއް ކުރެވިއްޖެ ނަމަ ނުކުރާކަމަކަށް ބުނުމަކުން ނުވަތަ ފާފަކުރެވުނީ އެހެން ބައެއްގެ ސަބަބުން ކަމަށް ހަދަން އުޅުމަކުން ޙައްލެއް ނުވެއެވެ. ޙައްލަކީ ކުރެވުނު ފާފަ ޤަބޫލުކޮށް އެކަމަމަށް ހިތާމަކުރާ ޙާލު ތައުބާވުމަށް އަވަސްވެގަތުމެވެ.

ކޮންމެ އިންސާނަކަށްވެސް ކުށް ކުރެވޭނެ އިރު ތިބާއަށްވެސް ކުށެއް ކުރެވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މަސައްލައަކަށްވަނީ ކުށް ކުރެވުމުން އެކަމުގެ ޒިންމާ ނަގަން ކެރުމުގެ ބަދަލުގައި އެހެން ބައެއްގެ ބޮލުގައި ކުށާއި ކުށުގެ އިލްޒާމް އަޅުވަން މަސައްކަތްކުރުމުންނެވެ.

މިއީ ކުށް ކުރެވޭ މީހުން އެންމެ ބޮޑަށް ވިސްނަންވީ ކަންކަމެވެ. ފުރަތަމަކަމަކަށް ކުރެވުނު ކުށް ޤަބޫލުކުރާށެވެ! ކުށެއް ކުރެވިއްޖެކަންވެސް ޤަބޫލުކުރާށެވެ! އެއަށްފަހު މާފަށް އެދެން ޖެހޭ އެންމެންގެ ކިބައިން މާފަށް އެދޭށެވެ! އެއީ މުޖުތަމައު އާއި ގުޅިފައިވާ ކަމެއް ނަމަ އެންމެންގެ ކިބައިން މާފަށް އެދޭށެވެ! އަދި އެފަދަ ކުށެއް ތަކުރާރު ނުކުރާށެވެ!

އަމިއްލަ ޢާއިލާގެ ކަންކަމުގައިވެސް ކުށެއް ކުރެވިއްޖެ ނަމަ އެކަން އަވަހަށް ޤަބޫލުކުރާށެވެ! މާފަށް އެދެން ޖެހޭ މީހުންގެ ކިބައިން މާފަށް ވެސް އެދޭށެވެ! އެއީ އަނބިދަރިން، ނުވަތަ މައިންބަފައިން ނުވަތަ ޢާއިލާގެ މީހުން ނުވަތަ އެނޫން މީހަކުގެ ކިބައިން ނަމަވެސްމެއެވެ. އެއިރުން އެމީހަކަށް އެންމެންގެ ލޯބިވެސް ދާނީ ލިބި އިތުރުވަމުންނެވެ!

ކުށް ޤަބޫލުކުރުމާއި މާފަށް އެދުމުގެ އާދައަކީ ރިވެތި އަޚްލާޤްގެ އެންމެ މަތީ ސިފައެވެ. އެކަންކަން ދަރިންނަށް ދަސްކޮށްދީ ދަރިންގެ ކިބައިގައިވެސް އެއާދަ ހަރުލައްވަން ޖެހޭނެއެވެ. އެކަންކުރެވޭނީ ފުރަތަމަ ކަމަކަށް ތިމާއަކީ ކުށް ޤަބޫލުކޮށް މާފަށް އެދޭ މީހަކަށް ވެވިގެންނެވެ.

އަނބިދަރިންނަށް ނަމަވެސް ކޮށްދޭންޖެހޭ ކަމެއް ނުދެވި އޮވެގެން އެކަމުގެ ވާހަކަ ދައްކައިފިނަމަ ބަހަނާ ދައްކަން ނުހަދާށެވެ! ކުށް ޤަބޫލުކޮށް އަވަހަށް މާފަށް އެދޭށެވެ. ނަމަވެސް ގިނަ މީހުންނަށް ޢަމަލުކުރެވެނީ އެހެނެއް ނޫނެވެ. އެޙާލަތުގައިވެސް ބަލަނީ އަނެކާގެ ކުށެއް ދައްކައިގެން ބަހަނާއަކަށް ހެދޭތޯއެވެ! އެއީ ރަނގަޅު ގޮތެއް ނޫނެވެ. އެއީ ބަހަނާދެއްކުމުގެ ވަޤުތެއް ނޫނެވެ. އަނެކާގެ ކުށެއް އޮތްނަމަ އެކަމުގެ ވާހަކަދައްކަން ޖެހޭނީ އެހެން ވަޤުތަކުއެވެ.

ކުށް ކުރެވުމުން އެކަން ޤަބޫލު ނުކުރާ މީހާ ދުވަހަކުވެސް އިޞްލާޙެއް ނުވާނެއެވެ! އިޞްލާޙްވުމުގެ ތަޅުދަނޑިއަކީ ކުށް ޤަބޫލުކޮށް އެކަމާއި ހިތާމަކޮށް ތައުބާވުމެވެ. މާފަށް އެދުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން