ސަމާލުނުވިނަމަ ޤިޔާމަތް ދުވަހު އަލިފާނުގެ ޗޭނުން ކަސްތޮޅުއެޅި ނަރަކައަށް ވަންނަންޖެހޭނީ ކުދިފާފަތައްކަމަށް ބަލައި ފަރުވާކުޑަކުރި ފާފަތަކުގެ ސަބަބުން ކަމަށްވުމަކީ ވަރަށް ގާތްކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ސަމާލުނުވިނަމަ ޤިޔާމަތް ދުވަހު އަލިފާނުގެ ޗޭނުން ކަސްތޮޅުއެޅި ނަރަކައަށް ވަންނަންޖެހޭނީ ކުދިފާފަތައްކަމަށް ބަލައި ފަރުވާކުޑަކުރި ފާފަތަކުގެ ސަބަބުން ކަމަށްވުމަކީ ވަރަށް ގާތްކަމެއް!

ބައެއް މީހުންނަށް ފާފަ ކުރެވުމުން ކުރެވުނު ފާފައިގައި އަމިއްލައަށް އެބަ މިން އަޅައެވެ. ނުވަތަ ކިރައެވެ. ސައިޒާއި ބުރަދަން އެނގޭކަމަށް ހަދައި ކުރެވުނީ ކުޑަފާފައެއް ނުވަތަ ބޮޑުފާފައެއް ކަމަށް އަމިއްލައަށް ކަނޑައަޅައެވެ. އެމީހުން އެކަން ކުރަނީ ކޮން ފީތާއަކުން މިން އަޅައި ނުވަތަ ކޮން ތިލަފަތަކުން ކިރައިގެން ކަމެއް ނުއެނގެއެވެ.

ވިސްނާށެވެ! އެއްވެސް ފާފައަކީ ކުޑަ ފާފައެއް ކަމަށް ބަލާނަމަ އެފާފައަކާއިމެދު ފަރުވާ ކުޑަކުރެވޭނެއެވެ. އެއްވެސް ބިރެއް ނެތި އެ ފާފައެއް ކުރެވޭނެއެވެ. ކުރެވޭ އަދަދެއްވެސް ނުއެނގޭނެއެވެ. އެކަމުގެ ނަތީޖާ އެމީހަކަށް ވަރަށް ހިތިވެސް ވެދާނެއެވެ.

ޞަޙާބީންނަށް ބަލާށެވެ! އެބޭކަލުން އަބަދު ތިއްބެވީ ކިތަންމެ ކުޑަނަމވެސް ފާފައެއް ކުރައްވަން ހިތްޕުޅަށް އަރައިފާނެ ކަމަށްވެސް ބިރުފުޅުންނެވެ. އެވަރުކަމެއްވެސް އެބޭކަލުން ދެކެލެއްވެވީ ވަރަށް ނުރައްކައުތެރި، ބިރުވެރިކަމެއްގެ ގޮތުގައެވެ.

ފާފައިގައި އަމިއްލައަށް މިން އަޅައި އުޅުމަކީ ވަރަށް ބިރުބޮޑު ކަމެކެވެ. އެއީ އެކަމުގެ ސަބަބުން އެމީހާ އަމިއްލައަށް ނަރަކައަށް ވެއްޓިގަންނަން ޖެހިދާނެ ކަމެކެވެ. މިކިޔައިދެނީ އެކަމުގެ ވަރަށް ޢާދައިގެ ބައެއް މިސާލުތަކެވެ.

މިސާލަކަށް ކަދުރު އޮށަކާއިމެދު ވިސްނައިލާށެވެ! އެއިގެ ޒާތުގައި ވަރަށް ލުއި އެއްޗެކެވެ. ނަމަވެސް މީހެއްގެ ގައިގައި 100 ކަދުރު އިހާ ބަނދެފައި ކޮޅަށް ތެދުވަން ބުނެފިނަމަ ތެދުވެވޭނެ ހެއްޔެވެ؟ ތެދުވަން އުޅެފިނަމަ ބަންޑުން ވެއްޓޭނީ ނޫން ހެއްޔެވެ؟

ބެލުންތައް ތިރިކުރަން ބުނީމާ ނުކުރާ މީހުންވެސް ވިސްނައިލާށެވެ! ބެލުންތައް ތިރިނުކުރާނަމަ ބަލައިގެން ނުވާނެ ކިތައް މަންޒަރު ދުވާލަކު ބެލޭނެ ހެއްޔެވެ؟ ދޮގު ނުހަދަން ބުނީމާ އެއީ ދެން އެއްވެސް ކަމެއް ނޫން ކަމަށް ހީކުރާމީހުން ދުވާލަކު ކިތައް ދޮގު ހަދާނެހެއްޔެވެ؟

މިފަދަ ކިތަންމެ ކަމެކެވެ. ނިކަން ވިސްނައިބަލާށެވެ! ތިބާގެ އުމުރަކީ 70 ވަރަކަށް އަހަރު ކަމުގައި ވެއްޖެ ނަމަ ކުދިފާފަ ކަމުގައި ތިބާ ބެލި ކިތައް ހާސް ފާފަ ކުރެވިފައިވާނެ ހެއްޔެވެ؟

ކުޑަ ފާފަ ކިޔާ އެއްވެސް ފާފައެއް ނުހުންނާނެއެވެ. އެހެނީ އެއްވެސް ފާފައެއް ކުރުމުން ޢަޛާބު ދެއްވަވާނެ މިންވަރު އެނގެނީ ކާކަށް ހެއްޔެވެ؟ އެކަން ބެލެން އެބައޮތް ހެއްޔެވެ؟ ނެތްކަން ޔަޤީނެވެ. ވީމާ އަމިއްލައަށް ފާފައިގައި މިން އަޅައި އެކަމުގެ ސަބަބުން ނަރަކައަށް ވެޢްޓިގަންނަ މީހަކަށް ނުވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން