ޢާއިޝަތު ރަފާޙް ޢަލީ
ﷲ ތަޢާލާ މުސްލިމުންނަށްޓަކައި ދެޢީދު ލައްވާފައިވެއެވެ. އެއީ ފިޠުރު ޢީދާއި އަޟްހާ ޢީދެވެ. ފިޠުރު ޢީދު އަންނަނީ ރަމަޟާން ރޯދައިގެ ރުކުނަށްފަހު، އަދި އަޟްޙާ ޢީދު އަންނަނީ ޙައްޖުގެ ރުކުނަށްފަހުގައެވެ.އީދު ދުވަހަކީ މުސްލިމަކު އޭނާގެ އާއިލާއަށް ހިތްހެޔޮކަމާއިއެކު އުފާވެރިކަން އިހުސާސްކޮށްދިނުމަށް އޮންނަ ދުވަހެކެވެ.
އަނަސްގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
كَانَ لِأَهْلِ الْجَاهِلِيَّةِ يَوْمَانِ فِي كُلِّ سَنَةٍ يَلْعَبُوْنَ فِيْهِمَا فَلَمَّا قَدِمَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ الْمَدِيْنَةَ قَالَ كَانَ لَكُمْ يَوْمَانِ تَلْعَبُوْنَ فِيْهِمَا وَقَدْ أَبْدَلَكُمُ اللهُ بِهِمَا خَيْرًا مِنْهُمَا يَوْمَ الْفِطْرِ وَيَوْمَ الأَضْحَى
މާނައީ: "ޖާހިލިއްޔަޒަމާނުގެ އަހުލުވެރިން އުފާފާޅުކޮށްއުޅޭ 2 ދުވަހެއް އޮތެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މަދީނާއަށް ވަޑައިގެންނެވުމަށްފަހު ޙަދީޘްކުރެއްވެވިއެވެ. ތިޔަބައިމީހުން އުފާފާޅުކޮށްއުޅުނު 2 ދުވަހުގެ ބަދަލުގައި އެއަށްވުރެ މާ ހެޔޮކަންބޮޑު ދެދުވަސް ﷲ ތަޢާލާ ލައްވަވައިފިއެވެ. އެއީ ފިޠުރުގެ ދުވަހާއި އަޟްޙާގެދުވަހެވެ."
އެގޮތުން މި ލިޔުމުގައި އަޟްހާ އީދުގެ ބައެއް އަދަބުތައް ބަޔާންކޮށްލާނަމެވެ.
· ޢީދުނަމާދަށް ދިއުމުގެ ކުރިން ހިނައިގަތުން
· އަޟްޙާ ޢީދު ނަމާދުން އެނބުރި އަންނަންދެން އެއްވެސް އެއްޗެއް ނުކެއުން
· މިސްކިތުގެ ބޭރު ގޯތިތެރޭގައި (ހާމަތަނެއްގައި) ޢީދު ނަމާދު ކުރުން
· ޢީދު ނަމާދުކުރާ ތަނަށް އަވަހަށް ދިއުނ
· ކުރެވެން އޮތް ނަމަ ނަމާދުކުރާ ތަނަށް ފައިމަގުގައި، ދިއުން
· އައު ހެދުން ލުމާއި މީރުވަސްދުވާ ސެންޓް، އަތަރު ލައިގެން ހުރުން
· ފިރިހެނުންނާއި މަސްހުނިނުވުން
· ފުރިހަމައަށް ޙިޖާބުވުން
· ޒިކުރުކުރުން
· ޢީދު ނަމާދަށް ގޮސް އެއިން އެނބުރި އައުމުގެ މަގު ތަފާތުކޮށްލުން
· އުޟްހިޔާ
· ތަކްބީރު ކިޔުން (ފިރިހެނުން ބާރަށް ތަކްބީރު ކިޔުން، އަންހެނުން ސިއްރުން ތަކްބީރު ކިޔުން)
· ގާތްތިމާގެ މީހުންނާއި އަހްލުންނަށް ޒިޔާރަތްކުރުން
· އުފާކުރުމާއި އެހެން މީހުން އުފަލުގައި ބައިވެރިކުރުން