މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މިއަދަކީ މުސްލިމުންގެ މަތިވެރި އަޟުޙާ ޢީދު ދުވަހެވެ. މިއަދަކީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރި މުސްލިމުންނާއި އަދި އެ ނޫން ވެސް މީސްތަކުން، ﷲއަށް ޓަކައި ޤުރްބާންކުރާ ދުވަހެވެ. އެ ތަކެތި ޤުރްބާންކުރުމުގެ ޙިކުމަތާ ބެހޭ ގޮތުން މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެ ފަދައިން އެކަލާނގެ އެ ތަކެތި، ތިޔަބައިމީހުންނަށް ޓަކައި خدمةތެރިކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެ މައްޗަށް، ﷲ އަށް ތިޔަބައިމީހުން تكبير ކިޔައި އުޅުމަށް ޓަކައެވެ. އަދި إحسان ތެރީންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!"[1]
ދެން ފަހެ މި މަތިވެރި ދުވަހުގައި، މާތް ﷲއަށް ޝުކުރުކުރުމާއި، އެކަލާނގެ ހަނދުމަކުރުމާއި، އެކަލާނގެއަށް ތަކުބީރުކިޔުން މަތީގައި ތިޔަބައިމީހުން ވަގުތުތައް ހޭދަކުރާށެވެ! اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، لَا إِلَـٰهَ إِلَّا اللهُ، وَاللهُ أَكْبَرُ، وَلِلّٰهِ الْـحَمْدُ.
މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މި މަތިވެރި އަޟުޙާ ޢީދު ދުވަހުގައި، މުސްލިމުން ކުރާ ޤުރްބާންތައް އައުކޮށްދެނީ، އިބްރާހީމް ޢަލައިހިއްސަލާމުގެ ޒިކުރާއެވެ. ނުހަނު މުސްކުޅި ޢުމުރުފުޅުގައި ލިބިވަޑައިގަތް ދަރިކަލުން، އިސްމާޢީލުގެފާނު، ބޮޑުފުޅުވެ މައިންބަފައިންނަށް ފައިދާކުރާ ޢުމުރުފުޅާ ހަމައަށް ފޯރެއްޖެ ހިނދު، އެ ދަރިކަލުން ޤުރްބާންކުރެއްވުމަށް އަމުރުކުރެއްވުނެވެ. އިބްރާހީމްގެފާނު ފަސްޖެހިވަޑައިނުގެން މާތް ﷲގެ އަމުރުފުޅަށް، ބޯލަނބައި ކިޔަމަންތެރިވެވަޑައިގަތެވެ. އެކަލޭގެފާނު ކަންކުރެއްވި ގޮތް ބަޔާންކުރައްވައި މާތް ވަޙީކުރެއްވިއެވެ: ---- މާނައީ "ފަހެ، އެ ދެބަފައިކަލުން (ﷲ އަށް) ބޯލަނބައި ކިޔަމަންވެ، އެ ދަރިކަލުން ނިތްކުރި ވަތަށް ބޭއްވި ހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. އޭ އިބްރާހީމްގެފާނެވެ! ހަމަކަށަވަރުން ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ. އިޙްސާންތެރީންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ." އެއަށް ފަހު ކަންބަޅިބަކަރިއެއް ކަތިލެއްވުމަށް އަމުރުކުރައްވައި، އެކަލާނގެ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނު ސަލާމަތްކުރެއްވިއެވެ.
މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މި ޢިބުރަތުން ފުރިގެންވާ ޙާދިޘާއިން އަހަރެމެންނަށް ލިބިދޭ އެންމެ އަގުހުރި ފިލާވަޅަކީ، ހުރިހައި ޙާލެއްގައި ވެސް މާތް ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގެ މުހިއްމުކަމެވެ. ކޮންމެ ބަޔަކު ވެސް އެ ބަޔަކަށް މާތް ﷲ ޙަވާލުކުރައްވައިފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ ނަމަ، މި ދުނިޔެއިން އެންމެހައި ފަސާދަތައް ނެތިހިނގައިދާނޭކަން ކަށަވަރެވެ.
މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މި މަތިވެރި ދުވަހުގައި އިބްރާހީމްގެފާނުގެ މަތިވެރި ޒިކުރާ އަހަރެމެން އައުކުރާ އިރު، އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނާއި، އަނބިކަނބަލުން ހާޖަރު ވަޒަންވެރިކުރެއްވި ބިންކަމުގައިވާ މައްކާއަށް ޓަކައި، އެކަލޭގެފާނު ކުރެއްވި ދުޢާގެ މަތީން ހަނދާންކުރާންޖެހެއެވެ. މި ދުޢާގެ ވާހަކަ ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. --- މާނައީ "އަދި إبراهيم ގެފާނު دعاء ކުރައްވައި ވިދާޅުވި ހިނދު ހަނދުމަކުރައްވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މި ރަށަކީ أمان ކަން ލިބިގެންވާ ރަށެއްކަމުގައި ލައްވައިފާނދޭވެ! އަދި އެ ރަށުގެ أهل ވެރީންކުރެ ﷲ އަށާއި آخرة ދުވަހަށް إِيـْمَان ވި މީހުންނަށް މޭވާތަކުން رزق ދެއްވައިފާނދޭވެ!" މި އާޔަތުން އެނގޭ ގޮތުގައި، ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ، އެ ޤައުމުގެ އަހުލުވެރީންނަކީ މާތް ﷲ އެއްކައުވަންތަކޮށް އާޚިރަތް ދުވަހަށް އީމާންވާ ބަޔަކަށް ވުމެވެ. އެހެނީ މާތް ﷲ އަށް ބިރުވެތިވެ، އެކަލާނގެއަށް ޖަވާބުދާރީވާން ޖެހޭ ދުވަހެއް އަންނާނޭކަން ޤަބޫލުކުރާ ބަޔެއްގެ މެދުގައި ފަސާދަތައް މަދުވާނެތެވެ.
މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މި އާޔަތުން އިތުރަށް ދޭހަވާ ގޮތުގައި، ޤައުމަކަށް ލިބޭނެ ބޮޑު އަނެއް ނިޢުމަތަކީ، އެ ޤައުމަކީ އަމަންއަމާންކަން ލިބިފައިވާ ޤައުމަކަށް ވުމެވެ. އަދި ހަމަ އެހެންމެ އެ ޤައުމުގެ އަހުލުވެރީންނަކީ، އުފާ ފާގަތިކަން ލިބިފައިވާ ބަޔަކަށް ވުމެވެ. މި ކަންކަން އެ ބަޔަކަށް ޙާޞިލުވާނީ، ދޭދޭ ފަރުދުންގެ ގުޅުންތައް ވަރުގަދަވެ، އެއްބައިވަންތަ ބަޔަކަށް ވެގެންނެވެ. ޚިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަކަށް އިޙްތިރާމުކޮށް، އަމިއްލަ މަޞްލަޙަތުގެ ބަދަލުގައި، ދީނާއި، ވަޠަނުގެ މަޞްލަޙަތު އިސްކޮށްގެންނެވެ. މި މަތިވެރި ދުވަހުގައި، އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަން، އިސްލާމްކަން މަތީ ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތްކުރުމަށް ޢަޒުމް ކަނޑައަޅަމާ ހިނގާށެވެ! ދޭދޭ ގުޅުންތައް ވަރުގަދަކުރުމަށް ޓަކައި، އަތުކުރި އޮޅައިލަމާ ހިނގާށެވެ!
މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މީސްތަކުންނާއިގެން ޙައްޖުވުމަށް އިބްރާހީމްގެފާނަށް މާތް ﷲ އަމުރުކުރެއްވި ދުވަހުން ފެށިގެން މިއަދާ ޖެހެންދެން، ދުނިޔޭގެ އެކި ކަންކޮޅުތަކުން، މީސްތަކުން މާތް ﷲގެ މަތިވެރި ގެކޮޅަށް އާދެއެވެ. މާތްވެގެންވާ އަޟުޙާ ޢީދު ދުވަހަކީ، ޙައްޖުގެ މަތިވެރި އަޅުކަމާ ވިދިގެން އަންނަ ޢީދެކެވެ. ޙައްޖުގެ މަތިވެރި އަޅުކަމުގައި، އިއްޔެ ޢަރަފާތު ބިމުގައި، އަހަރެމެންނަށް ފެނުނު މަތިވެރި މަންޒަރު ހަނދާނަށް ގެންނަމާ ހިނގާށެވެ! އެތަކެއް މިލިއަން މުސްލިމުން، އެއް ފޭރާމެއްގައި، އެއް ބިމަކަށް އެއްވެ، މާތް ﷲގެ ޙަޟުރަތުގައި ނިކަމެތިވެ، އެބައިމީހުންގެ ޙާޖަތްތަކުން، އެކަލާނގެއަށް މުނާޖާ ދެންނެވުމުގައި ވަނީ ހޭދަކޮށްފައެވެ. ޢިއްޒަތްތެރިއެއް ނިކަމެއްޗެއް، ފަޤީރެއް މުއްސަންޖެއް، ވެރިއެއް ރައްޔިތެއްގެ މެދުގައި ތަފާތެއް ނެތިއެވެ. މި ކަމުން އަންގައިދެނީ އިސްލާމްދީނުގައި، މީސްތަކުންގެ މެދުގައި މާތް ﷲ ކަނޑައަޅުއްވައިފައިވާ ހަމަހަމަކަމެވެ. އަދި އެކަކު އަނެކަކުގެ މައްޗަށް ކިބުރުވެރިނުވެ، ތަވާޟުޢުވެރިވުމުގެ މުހިއްމުކަމެވެ.