ﷲ ތަޢަލާ ދެއްވެވި ޙިއްޞުތަކުގެ ބޭނުން ހިފުމުގައި ވިސްނާލުން މުހިންމު ބައެއް ކަންކަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ﷲ ތަޢަލާ ދެއްވެވި ޙިއްޞުތަކުގެ ބޭނުން ހިފުމުގައި ވިސްނާލުން މުހިންމު ބައެއް ކަންކަން

އަހުރެމެން އެންމެންނަކީވެސް ﷲ ތަޢާލާގެ އަޅުންނެވެ. އަހުރެމެން އިންސާނުންނަކީ ﷲ ތަޢާލާ އެންމެ މަތިވެރި ޢިއްޒަތް ދެއްވެވި މަޚްލޫޤުންނެވެ. އަހަރެމެންގެ މުޅި ހަށިގަނޑަކީވެސް ﷲ ތަޢާލާގެ މިލްކެކެވެ. އެހަށިގަނޑުގައި ޙިއްޞުތައް ލެއްވެވީވެސް ހަމަ ﷲ ތަޢާލާއެވެ! 

މިއާޔަތަށް ނިކަން ވިސްނައިލަބަލާށެވެ! 

"އެކަލާނގެއީ، ތިއަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ތިއަބައިމީހުން ޝުކުރު ކުރަނީ، ވަރަށްވެސް މަދުންނެވެ."

(އަލްމުއްމިނޫން: 78) 

އިވުމާއި، ފެނުމާއި، ހިތްތައް ދެއްވެވީ ﷲ ތަޢާލާކަން ބަޔާން ކުރައްވަވާފައި އޮތުމުން އެއީ ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. އަހަރެމެންނަށް ފެނުން ދެއްވެވީ ހަމައެކަނި އަހަރެމެންނަށް ފައިދާކުރާނެ ތަންތަން ބަލާކަށް ނޫނެވެ. އިވުން ދެއްވެވީ ވެސް ހަމައެކަނި އަހަރެމެންނަށް ފައިދާހުރި އަޑުތައް އަހާކަށް ނޫނެވެ. އަދި ހިތް ދެއްވެވީ ވެސް ހަމައެކަނި އެމިހާއަށް އުފާވެރިކަން ލިބިގަންނާކަށް ނޫނެވެ. 

ކޮންމެ މީހަކުވެސް އެމީހަކަށް ފައިދާ ކުރާނެ ކަންކަމަށް ވިސްނާނެއެވެ. އުފާވެރިކަން  ލިބިގަންނަން މަސައްކަތްވެސް ކުރާނެއެވެ. ނަމަވެސް ހަމަ އަހަރެމެން ފަދަ އެހެން މުސްލިމުންގެ ރުއިމުގެ އަޑުވެސް އަހަންވާނެއެވެ! ޢާއިލާގެ މީހުންނަށާއި އަވަށްްޓެރިންނަށް ކުރިމަތިވެފައިވާ މުޞީބާތްތައްވެސް ފެންނަން ވާނެއެވެ! އަދި އެކަންކަމުން ތިމާގެ ހިތަށްވެސް އަސަރު ކުރަން ޖެހޭނެއެވެ! 

ވީމާ އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވެ ހިތްދަތިކަމާއި ދަތިޙާލުގައިވާ މީހުންނަށް އެމީހެއްގެ ފެންވަރުން އެހީތެރިވެދޭށެވެ! ހެޔޮ ދުޢާކުރާށެވެ! ތިމާއަށް ދެއްވެވި ޙިއްޞުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުން ކަމަށްވާނީ ދަތިޙާލުގައިވާ މީހުންނާއިވެސް ބައިވެރިވުމުންނެވެ! 

ފަލަސްޠީނުގެ މުސްލިމުން މިއަދު ރޮމުން ގެންދާ ރުއިމުގެ އަޑުއަހާށެވެ! އެ ހިތްދަތި، ބިރުވެރި ޙާލަތުން އެމީހުން ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ! އެއީ ހަމަ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އޮތް މަތިވެރި ވާޖިބެކެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން